މިއަހަރުގެ ޒުވާނުންގެ ޕްރެކްޓިސް ޕާލަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ.
އަންނަ ޖުލައި 28 އިން އޯގަސްޓްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޖުލައި 4 ވަނަ ދުވަހުގެ 12 ޖެހުމާ ހަމަޔަށް ޕްރޮގުރާމަށް ކުރިމަތިލުމުގެ ފުރުސަތު ލިބެއެވެ.
ޒުވާނުންގެ ޕްރެކްޓިސް ޕާރލިމަންޓަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހުޅުވާލާފައިވާއިރު، އޭގައި ބައިވެރިވުމުގެ ފުރުސަތުދެނީ ޕްރޮގްރާމަށް ކުރިމަތިލާ ޒުވާނުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 35 ޒުވާނުންނަށެވެ. ޕްރެކްޓިސް ޕާލަމެންޓަށް ޝައުގުވެރިވާ ޒުވާނުން އެޕްލިކޭޝަން ފޯމް https://forms.office.com/e/qkNwdw1Gww ފުރިހަމަކޮށް ދީފައިވާ ސުންގަޑީގައި ހުށަހެޅުމަށްވެސް މަޖިލީހުގެ އިދާރާއިން އެދިފައި ވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް ހޮވާއިރު، ފޯމުގެ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި މުޖުތަމައުގެ ހަަރަކާތްތަކުގައި މީގެކުރިން ކޮށްފައިވާ ތަޖުރިބާތަކަށް އިވެލުއޭޓް ކުރާނެއެވެ. އަދި، ޝަރުޠު ހަމަވާ ފަރާތްތައް ބެލުމަށް ޕްރީ-ސްކްރީނިންގ ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައި ވެއެވެ.
މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުފަތުރާއި ގުޅުން ހުރި އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެފައި ވެއެވެ.
”ޕްރެކްޓިސް ޕާލަމެންޓް ސީރީޒް“ އަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާ ގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ހިމެނެނީ މައިގަނޑު 2 ބައެކެވެ. އެއ،ީ “ ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތް“ އަދި ”ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން“އެވ.ެ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކ،ީ ޒުވާނުން އަދި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދ،ީ އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމެވެ.
”ޕްރެކްޓިސް ޕާލަމެންޓް ސީރީޒް“ ގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރަނގަޅަށް ދެނެގަނެ، ގިނަ ޒުވާނުންނާއި އަންހެނުން މަޖިލީހަށް ކުރިމަތިލުމަށް ހިތްވަރުދީ، ޕޮލިސީތަކުގައި ހުންނަ އުނިކަންކަން ދެނެގަނެ، ރަނގަޅު ބަދަލުތަކެއް ގެނައުމަށް އެކީގައި މަސައްކަތްކުރުމެވެ.




