ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ޤުރުއާން ހިފްޒު ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން މަހަކު ޤުރްއާނުގެ ތިން ފޮތަށް ވުރެ ގިނައިން ހިތުދަސް ކުރާ ދަރިވަރުންނަަށް ޕޮކެޓު މަނީއެއް ދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އިފްތިތާހީ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ކީރިތި ޤުރްއާނަށާއި އިސްލާމްދީނަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ. އަދި، ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ޤުރުއާން އުނގަންނައި ދިނުމަށްޓަކައި ކުރަމުން ގެންދާ ބުރަ މަސައްކަތަށް ޝުކުރުއަދާ ކުރައްވާ މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު އެރުއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، މިއަންނަ އަހަރުން ފެށިގެން ޤުރްއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ދަރިވަރުންނަށް ޕޮކެޓު މަނީއެއް ދޭނެ ކަމަށް ވިދާޅިވި އެވެ. އަދި، ކީރިތި ޤުރްއާން ހިތުދަސް ކުރާ ކުދިން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު ހާމަ ކުރެއްވި އެވެ. މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ފުވައްމުލަކުން ޤުރްއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ޤުރްއާނުގެ ރޮނގުން ދަރިވަރުން ނެރެދޭ މަދަރުސާއެއްކަން ފާހަނގަކުރައްވައި، މި މުބާރާތް މިހާރަށްވުރެ ހައިބަތުބޮޑު ވަރުގަދަ މުބާރާތަކަށް ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވި އެވެ. އަދި، ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް އާ ބިނާއެއް ބޭނުންވާކަން ފާހަގަކުރައްވައި، އެކަމުގެ މަޝްވަރާތައް ރައީސުލްޖުމޫރިއްޔާއާއި ކުރައްވާނެކަމަށާއި، މިދައުރުގެ ތެރޭގައި ޤުރްއާނާއި ބެހޭ މަރުކަޒުގެ އަމިއްލަ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ޤުރްއާން މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ. އޭގެ ތެރޭގައި، 52 ސިޓީއެއްގެ ސްކޫލްތަކުން 365 ބައިވެރިންނާއި، އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި، އެހެނިހެން މުއައްސަސާތަކުން ވާދަކުރާ 292 ބައިވެރިން ހިމެނެއެވެ. އަދި، ހާފިޒުންގެ ބައިގައި 15 ބައިވެރިން ވާދަކުރައްވައެވެ.
މިއަހަރުގެ މުބާރާތުގެ ކިޔެވުން ސަލްމާން މިސްކިތުގެ ދެ ހޯލްގައި ކުރިޔަށްގެންދަން ރާވާފައިވާއިރު، ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދަނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. އަދި، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދަނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައެވެ.
މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަނީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ، މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާގޮތަށެވެ. އެހެންނަމަވެސް ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑުކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.


