އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ “ސަމޯއާ އެގްރީމަންޓް”ގައި ދިވެހި ސަރުކާރުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
”ސަމޯއާ އެގްރީމަންޓް“ ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، މިމަހުގެ 23 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިކަމާ ބެހޭގޮތުން ހުށަހެޅި ކަރުދާހުގައިވާ މަޢުލޫމާތުތަކުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ފަހު، އެ އެގްރީމެންޓުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވުމާއި ގުޅިގެން ރައީސް މަޖިލީހަށް ރުހުން ހޯދަން މައްސަލަ ފޮނުއްވި އެވެ.
މި މައްސަލައި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، މިމަހުގެ 26 ވަނަ ދުވަހު ބޭއްވި އެކޮމިޓީގެ ޖަލްސާގައި ވަނީ، ސަމޯއާ އެގްރީމެންޓުގައި ބައިވެރިވުމަށް ރުހުންދޭން ފެންނަކަމަށް ފާސްކޮށްފަ އެވެ. މިގޮތަށް ފާސްވީ ކޮމިޓީގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމި ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ރިޕޯޓް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، މި އެގްރީމެންޓުގައި ސަރުކާރުން ބައިވެރިވުމަކީ އެފްރިކާ އަދި ވިލާތު އިއްތިހާދާއެކު ގުޅުން ބަދަހިކުރުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއްކަމަށެވެ. ރިޕޯޓްގެ ބަހުސްއަށް ރިޔާސަތުން ހުޅުވާލެއްވުމުން ބަހުސްގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދެއްކެވީ އިދިކޮޅު އެމްޑިޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. މެންބަރުގެ ވާހަކަފުޅުގައި ސަމޯއާ އެގްރީމެންޓުން ފައިދާތަކެއް ވެގެންދާނެކަމަށް ވިދާޅުވެ، އެ މައްސަލައަށް ތާއީދުކުރައްވާކަމަށް ވިދާޅުވި އެވެ. އިތުރު މެންބަރަކު ބަހުސްގައި ބައިވެރިވަޑައިނުގަންނަވާތީ ރިޔާސަތުން ނިންމެވީ ވޯޓަށް އެހުމަށެވެ.
ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީ ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުންނެވެ. ރުހުންދިނުމަށް ބޭނުންވާ އަދަދަކީ 42 ކަމަށްވުމާއެކު މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރެއްވީ ދިވެހި ރާއްޖެއިން ސަމޯއާ އެގްރީމެންޓުގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ލިބުނުކަމަށެވެ.
އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ “ސަމޯއާ އެގްރީމަންޓް” އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ– އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.
މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ އެވެ. އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.



