ރައްޔިތުންނާ ގާތުން ޚިދުމަތްދީ ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވ. ފުލިދޫގައި ސައިބަރ ސޭފްޓީ އެވެއާނަސް ސަރވޭއެއް ކުރިއަށް ގެންގޮސްފި އެވެ.
މި ސަރވޭގައި، ސައިބަރ ސޭފްޓީއަށް ހޭލުންތެރިވެފައިވާ މިންވަރު ދެނެގަނެ އެފަދަ ކަމެއް ދިމާވެއްޖެނަމަ ކަންކުރަންވީގޮތް އެނގިފައިވާ މިންވަރު އޮޅުންފިލުވާފައި ވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތްތައް ރައްޔިތުންނަށް ބުނެދީ، ސައިބަރ ކްރައިމްގެ މައްސަލަތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފަފައިވާކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ 25 އިން 29 އަށް، ފުލިދޫގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ މި ސަރވޭގައި ފުލިދޫގައި މީހުން ދިރިއުޅޭ 33 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ހިއްސާކޮށްފައިވާކަމަަށާއި، ފުލިދޫގެ ރައްޔިތުންގެ ފަރާތުން މި ސަރވޭއަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ. މިފަދަ ޕްރޮގްރާމުތަކަކީ ވަރަށް ކާމިޔާބު ހަރަކާތްތަކެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތުން ފާހަނގަކޮށްފައި ވެއެވެ.



