އިދިކޮޅު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓި(އެމްޑީޕީ)ގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފި އެވެ.
ގައުމީ މަޖިލީހުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުުރުސަތު މިއަދު ހުޅުވާލާފައިވާއިރު، މިމަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށައެޅުމަށް އެމްޑީޕީ ސެކްރެޓްރީއޭޓުން އެދިފައި ވެއެވެ.
އެމްޑީޕީންވަނީ އަންނަ އޯގަސްޓްމަހުގެ ދެވަނަ ދުވަހު އިންތިޚާބު ބޭއްވުމަށާއި، އިންތިޚާބުގައި ކުރިމަތިލާ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައްވެސް ކަނޑައަޅާފަ އެވެ. އެ ޝަރުޠުތަކުގެ ތެރޭގައި، އިންތިޚާބަށް ކުރިމަތިލާ ފަރާތަކީ، މިއަދުގެ ނިޔަލަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވާ ފަރާތެއްގެ އިތުރުން، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފުވެފައި ނުވާ މެންބަރަކަށް ވާންޖެހެއެވެ.
އެމްޑީޕީން ގައުމީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ހުސްވެފައިވާ 26 ދާއިރާއަަކަށެވެ. އޭގެ ތެރޭގައި މާލެސިޓީ، ކުޅުއްދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގެ ރައީސުން ހިމެނެއެވެ. މީގެ އިތުރުން ދެން މެންބަރުން އިންތިޚާބު ކުރަނީ، ހއ. ދިއްދޫ، ހއ. ކެލާ، ހދ. މަކުނުދޫ، ހދ. ކުޅުދުއްފުށި ދެކުނު، ރ. އުނގޫފާރު، ރ. އިނގުރައިދޫ ، ބ. ތުޅާދޫ، ބ. ހިތާދޫ، ޅ. ކުރެންދޫ، ކ. މާފުށި، ކ. ހުރާ، އދ. ދަނގެތި، އދ. ދާންދޫ، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، ފޭދޫ ދެކުނު، މެދު ހެންވޭރު، ހެންވޭރު އުތުރު، ގަލޮޅު އުތުރު، މައްޗަންގޯޅި އުތުރު، މާފަންނު އުތުރު، ހެންވޭރު ހުޅަނގު، އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސްކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އެކުލަވާލާފައިވަނީ ޕާޓީގެ ޗެއާޕާސަން، ރައީސް، ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ)، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭގޮތަށެވެ.



