އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ “ސަމޯއާ އެގްރީމަންޓް”ގައި ދިވެހި ރާއްޖެއިން ސޮއިކޮށްފި އެވެ.
ސަމޯއާ އެގްރީމެންޓަކީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމުޢިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

ބްރަސެލްގައި ހުންނަ އޯއޭސީޕީއެސްގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ދިވެހި ސަރުކާރުގެ ފަރާތުން މި އެގްރީމެންޓުގައި ސޮއިކުރެއްވީ ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީއެވެ. ރާއްޖެއިން މި އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ، އެގްރީމެންޓުގައި ހިމެނޭ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ، ގާނޫނުތަކާއި ތައާރަޒުވާ ކަންކަމަށް ”ޑެކްލެރޭޝަން“ އާއި ”ރިޒަވޭޝަން“ތައް ހުށަހެޅުމާއެކުގައެވެ. ރާއްޖެއިން ރެޒަވޭޝަން ލާފައިވަނީ އެ އެގްރީމެންޓްގެ 9 ވަނަ މާއްދާކަމުގައިވާ ”ފްރީޑަމް އޮފް ތޯޓް، ރިލިޖަން އެންޑް ބިލީފް“ އަށެވެ. ރާއްޖެއިން އެ މާއްދާއަށް ހުށަހެޅި ޑިކްލަރޭޝަނާއި ރެޒަވޭޝަންގައި ބުނެފައިވަނީ ”ރާއްޖޭގެ ގާނޫނު އަަސާސީން ރާއްޖޭގައި ދިިރިއުޅޭ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަންކަން ލިބޭކަންކަން ކަށަވަރުވާނެ“ ކަމަށެވެ.

ސަމޯއާ އެގްރީމެންޓަކީ ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއާއެކު ސޮއިކުރި ފުރަތަމަ ޕާޓްނަރޝިޕް އެގްރީމަންޓެވެ. ރާއްޖެއިން މިއަދު އެ އެގްރީމެންޓުގައި ސޮއިކޮށް އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ އެވެ. އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.
ސަމޯއާ އެގްރީމެންޓުގައި އޯއޭސީޕީއެސްގެ 79 މެންބަރުންނާއި ވިލާތު އިއްތިހާދުގެ 27 މެންބަރުން މިހާތަނަށް ސޮއިކޮށްފައި ވެއެވެ.
އޯއޭސީޕީއެސްއަކީ، 1975 ގައި ސޮއިކޮށްފައިވާ ”ޖޯޖްޓައުން އެގްރީމެންޓް“ ގެ ދަށުން އެފްރިކާ ބައްރާއި، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތައް އެކުލެވޭގޮތަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. ރާއްޖެއިން އޯއޭސީޕީއެސްގައި ބައިވެރިވީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.




