މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަނެ، އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
ގަވަރުނަރަށް މަގާމު ޒިންމާ އަދާނުކުރެވޭކަމަށް ދެކި، މަގާމުން ވަކިކުރަން ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް މާލިއްޔަތު ކޮމިޓީއަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވުމުން އެ މައްސަލަ އެ ކޮމިޓީން ފާސްކުރީ އިއްޔެ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެ، ނިންމުން މިއަދުގެ ޖަލްސާއަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ވަނީ ފާސްކޮށްފަ އެވެ.
ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމާމެދު އެންމެ ފަހު ގޮތް ނިންމާނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.
ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށިއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ޗުއްޓީއެއްގައި ރާއްޖެއިން ބޭރުގައެވެ. ކޮމިޓީން މައްސަލަ ދިރާސާކުރަމުންދާއިރު ގަވަރުނަރަށް ޖަވާބުދާރީވުމުގެ ފުުރުސަތު ލިބިގެންދާނެއެވެ.
އަލީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަނު ކޮށްފައިވަނި 2019 ސެޕްޓެމްބަރު 8 ވަނަ ދުވަހުއެވެ.



