ހުޅުމާލެ ފޭސް-2 ގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފޭސް-2 ފަސްވަނަ ޓަވަރު ކައިރީ ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓުގައި، އަނިޔާވެފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އޭނާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ސީިރިސްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އަނިޔާވި މީހާ އަތުގައި ސައިކަލް ދުއްވުމުގެ ލައިސެންސް ނެތްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މިއަދު ހެނދުނު ހުޅުމާލެ ފޭސްދޭއްގެ އަހިޔާގޮފި ކައިރިންވެސް ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވެއެވެ. މި އެކްސިޑެންޓިގައި ހިމެނޭ ދެ ސައިކަލު ދުއްވި ދެމީހުންނަށްވެސް އަނިޔާވެ މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ. އަނިޔާވެގެން ފަރުވާދެމުންދަނީ އުމުރުން 21 އަހަރުގެ ލައިސަންސްނެތް ފިރިހެނަކާއި، ލައިސަންސް އޮތް 33 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި 2 މައްސަލަވެސް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.




