ފަލަސްޠީނުގެ ތާރީޚާއި ގުޅޭ ޢިލްމީ ފޯރަމެއް ބާއްވަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންބުނީ، އިސްރާ އެސޯސިއޭޝަން ގުޅިގެން މާދަމާރޭ މި ފޯރަމް ބާއްވަން ތައްޔާރުވެފައިވާކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މާދަމާރޭ 08:30 ގައި ފޯރަމް ބާއްވާއިރު، މި ފޯރަމުގެ މަޢުޟޫއުގެ ގޮތުގައި ކަނޑައަޅާފައިވަނީ ”ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންތަކަން“ މި މަޢުޟޫއުއެވެ. މި މައުޟޫގެ މައްޗަށް ބިނާކޮށް، މި ފޯރަމްގައި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެވެ. އަދި ފަލަސްޠީނުގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. ޢަބްދުލްޙައްނާން ވަޙީދު އެވެ.
ރާއްޖެއިން އަބަދުވެސް ފަލަޞްޠީނުގެ ހައްގުގައި ވަކާލާތު ކުރެއެވެ. އަދި، ފަލަޞްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސަރުކާރާއި ރައްޔިތުންވެސް ގިނަ ހަރަކާތްތަކެއް ހިންގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުތަކުގައި 37,925 ވަނީ ޝަހީދުވެފަ އެވެ. އަދި، 250،000 މީހުންނަށް ސީދާ ގޮތެެއްގައި އޭގެ އަސަރުކުރަމުންދާއިރު، 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ.



