”ފަލަޞްޠީނާއެކު ދިވެހީން“ ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޓެލެތޯންގައި އެއްކުރެވުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
”ފަލަޞްޠީނާއެކު ދިވެހީން“ ޓެލެތޯންއަކީ ފަލަޞްޠީނު ރައްޔިތުންނަށް އެހީވާ ފަންޑަށް ފައިސާ ޖަމާކުރުމުގެ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި ރާއްޖޭގެ އެހެން މީޑިއާތަށް ގުޅިގެން މިދިޔަ މަހުގެ 12 ވަނަ ދުވަހު ބޭއްވި ޓެލެތޯންއެކެވެ.
”ފަލަސްޠީނާއެކު ދިވެހީން“ ޓެލަތޯންއަށް ޖުމުލަ 19،186،851.5 ރުފިޔާ ލިބިފައި ވެއެވެ. އެއީ 18،418،922.24 ދިވެހި ރުފިޔާއާއި 49،800 އެމެރިކާ ޑޮލަރުކަމަށް ޕީއެސްއެމް އިން ބުންޏްވެ. މި ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ހަފްލާގައި ފައިސާގެ ރަމްޒީ ޗެކާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެ ޗެކް މިނިސްޓަރާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު ޒީނާ ޒާހިރު އެވެ.
ފަލަޞްޠީނަށް މި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް މެދުވެރިކޮށްނެވެ. އެޖަމާއަތަށް މިފައިސާ ހަވާލުކުރާނީ ފޮރިން މިނިސްޓްރީއާ އެމްއެމްއޭ ގުޅިގެންކަމަށް ފޮރިން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.



