ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ސަފީރުން އައްޔަން ކުރައްވާފައިވަނީ ބަންގްލަދޭޝް، ތުރުކިޔޭ އަދި ޕާކިސްތާނަށެވެ.
އެގޮތުން، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، އަދި ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ އައްޔަން ކުރައްވާފަ އެވެ. އަދި، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި އަލްއުސްތާޛު މުޙައްމަދު ޠާހާ ވަނީ އައްޔަނުކުރައްވާފަ އެވެ.
މި ތިން ބޭފުޅުންވެސް ސަފީރުކަމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.



