ފުވައްމުލައް ސިޓީގެ ހުސްބިންތަކާއި މަގުމައްޗަށް ގަވާއިދާ ޚިލާފަށް ކުނި އަޅަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުވައްމުލައް ސިޓީ ކައުންސިލުން ދީފި އެވެ.
އެ ކައުންސިލުން ފިޔަވަޅު އަޅާނެކަން އާންމުކޮށް އަންގާ އިއުލާނުކޮށްފައިވަނީ ފަހަކަށް އައިސް ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތަކަށާއި މަގުތަކަށް ކުނިއެޅުން އާންމުކަމަށްވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، އެކި އެކި ފަރާތްތަކުން ހުސްބިންތަކާއި މަގުމައްޗަށް ކުނި އަޅަމުންދާކަން ފާހަނގަކުރެވި، އެކަން އެގޮތަށް ނުކުރަން ތަކުރާރުކޮށް އެންގިނަމަވެސް މިއަދާއި ހަމަޔަށްވެސް އެކަމަށް އެދެވިގެންވާ އެއްބާރުލުން ލިބިފައިވާ ނުވާކަމަށެވެ. އަދި، މިކަމުގެ ސަބަބުން އާންމުންނަށާއި، ސިޓީގެ ތިމާވެއްޓަން ގެއްލުންވުމުގެ ކަންބޮޑުވުން ކައުންސިލުން ވަނީ ފާޅުކޮށްފަ އެވެ.
”މިކަމުގެ ސަބަބުން އެހިސާބުތަކުގައި ވަސް ނުބައިވެ އެހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އުދަގޫވުމާއި ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެ. ހަމަ އެހެންމެ، މިގޮތަށް އަޅާ ކުނީގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވުމުގެ އިތުރުން ރަށުގެ ޤުދުރަތީ ރީތިކަން ގެއްލެމުންދާކަން ވެސް ފާހަގަ ކުރެވޭ.“ ކައުސިލްގެ އިއުލާނުގައި ވެއެވެ.
މަގުމައްޗަށާއި ހުސްބިންތަކަށް ކުނި އަޅަމުންދާތީ އާންމު ފަރާތްތަކުން ދަނީ ސިޓީ ކައުންސިލަށް ޝަކުވާ ހުށަހަޅަމުންނެވެ. މިކަމާއި ގުޅިގެން އަނެއްކާވެސް ސިޓީ ކައުންސިލުން ވަނީ، ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތަކަށް އެއްވެސް ބާވަތެއްގެ ކުނި ނޭޅުމަށް އަންގާފައެވެ. އަދި، އެންގުމާ ޚިލާފަށް ކުނި އަޅާ ފަރާތްތަކަށް ޢިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުން ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
”މިފަދަކުށްތައް ކުރަމުން އަންނަ ފަރާތްތަށް ފާހަގަ ކުރުމަށްފަހު އެފަރާތްތަކާއި މެދު ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ވާހަކަވެސް އަންގައި އިޢުލާންކުރަން.“ ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ތަނަކަށް ކުނި އެޅުމަކީ މަނާކަމެކެވެ.



