މާދަމާ ހެނދުުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ، މާދަމާ ހެނދުނު 6:00 އިން 6:30 އަށް އެ ކުންފުނީގެ ހައިވޯލްޓޭޖް ގްރިޑް ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، މި މަސައްކަތް ކުރިއަށްދާއިރު ހުޅުމާލޭގޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެވެސް ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ އެކި ސަރަހައްދުތަކަށް ބަހާލައިގެން އެކި ދުވަސްތަކުު ކުރިޔަށްގެންދެއެވެ. މި މަސައްކަތް ކުރާއިރު، ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގައެވެ. އަދި މިމަސައްކަތްތަށް ކުރަމުންދާއިރު، ބައެއް ފަހަރު ކަރަންޓް ކަނޑައިގެން ދިޔަނަމަވެސް، މާ ގިނަ އިރު ނުވަނީސް އަލުން ކަރަންޓް ދެއެވެ.



