ފުލުހެއްގެ އާއިލާ މެންބަރަކަށް ގެއްލުންދިންކަމަށްބުނާ މައްސަލައެއް ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިިފި އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މެސެޖުތަކުގައި ބުނެފައިވަނީ މިހާރު ކްރިމިނަލް ކޯޓުގައި މަސްތުވާތަކެތީގެ ދައުވާއާ ކުރިމަތިލަމުންދާ ގޭންގަކުން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންގެ ފޮރެންސިކް އޮފިސަރެއްގެ އަނބިމީހާއަށް އެމީހުންގެ ދަރިފުޅުގެ ކުރިމަތީގައި ޖިސްމާނީގޮތުން ފުރައްސާރަކޮށް، އެ އޮފިސަރަށްވެސް ބްލެކްމެއިލްކޮށްފައި ވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ބަލަމުންދާ ކަަމަށާއި، އަދި މިހާތަނަށް ބެލި ބެލުމުން އެފަދަ ކުށުގެ ޢަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވާކަމަށެވެ.
”މިބާވަތުގެ މައްސަލައެއް ދަނީ ބަލަމުން. ނުރައްކާތެރި ކުށްކުރާކަމަށް ތުހުމަތުކުރެވޭ އެއްވެސް ގްރޫޕެއް ނުވަތަ ނެޓްވޯކަކާ، ނުވަތަ އެފަދަ ކުށަކާ އެކަމާ ގުޅުމެއް އޮތްކަމަކަށް އަދި ފާހަގައެެއް ނުކުރެވޭ.“ ޝިފާން ވިދާޅުވި އެވެ.
ދޭތެރެ ދޭތެރެއިން ބައެއް މައްސަލަތަކުގައި ފުލުހުންނަށް ބިރު ދައްކާ މައްސަލަ ފެންމަތި ވެއެވެ. މި މައްސަލަތައް ފުލުހުންގެ ޚިދުމަތުން ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ. މިދިޔަ މަހުވެސް ފުލުހުންތަކަކަށް ވަޅިން ބިރު ދެއްކި 3 މީހަކު ފުލުހުން ހައްޔަރުކުރި އެވެ.




