ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)ގެ ސަބްސްޓޭޝަނެއްގެ ކޭބަލެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މިމަހުގެ 2 ވަނަ ދުވަހު ވަގަށް ގެންގޮސްފައިވަނީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލެކެވެ.
ސްޓެލްކޯއިން މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގައި އިއްޔެ ވަނީ ކޭބަލް ވަގަށްނެގިކަމުގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
މިއަދު ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
ސްޓެލްކޯގެ ކޭބަލް ވަގަށް ގެންދިއުމާއި ގުޅިގެން އެދުވަހު ހެންވޭރުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. އެ ހާދިސާއާއި ގުޅިގެން އެދުވަހު މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ސްޓެލްކޯއިން އައު ކޭބަލެއް އަޅައި ހަމަ އެދުވަހު ކަރަންޓްގެ ޚިދުމަތް އަލުން ފޯރުކޮށްދިނެވެ.


