ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ކިޔެވުން ނިންމާލައިފި އެވެ.
ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައި މިއަހަރު ސްކޫލް ދަރިވަރުންނާއި، ކައުންސިލްތަކާއި، މުއައްސަސާތަކާއި، ހާފިޒުން ހިމެނޭހެން ޖުމްލަ 1029 ބައިވެރިން ވާދަކުރެއްވި އެވެ. ސަލްމާން މިސްކިތުގެ ދެ ހޯލްގައި މުބާރާތުގެ ކިޔެވުން ޖޫން 29ގައި ފަށާފައިވާއިރު، ބައިވެރިންގެ ކިޔެވުން ނިންމާލެވުނީ އިއްޔެ އެވެ.
މި މުބާރާތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ، މުބާރާތުގެ ކިޔެވުން ނިމިފައިވާކަމަށާއި، ނަތީޖާ ފާޅުކުރުމުގެ ހަފުލާ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމަވާފައިވާކަމަށެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖައާކޮށް ހެޔޮބަދަލުތަކެއް ގެނެސްގެންނެވެ. އޭގެތެރޭގައި، ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ކިޔެވުން ތާވަލުކުރި އެވެ. އަދި، މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށްދޭ އިނާމާއި، ހަނދާނީ ފިލައާއި، އައްޑަނައަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާ ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް، އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސައދީފައި ވެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.



