ދިވެހިރާއްޖެއާއި ކޮރެއާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މިޔޮންގ ލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު، ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމާއި، ޢާންމު ޞިއްޙަތާއި ގުޅޭ ދާއިރާއިން ފަންނީ ޤާބިލުކަން ތަރައްޤީކުރުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މިޔޮންގ ލީ އަކީ، ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރެކެވެ. އެކަމަނާ ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ. އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ.
ދިވެހިރާއްޖެއާ ކޮރެއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު އެވެ.



