ޒަމާނަށް އަންނަ އާ ބަދަލުތަކާ އެއްގޮތަށް ދިވެހި ލިޔުންތެރިކަން ތަރައްގީ ކުރުމަކީ މުހިންމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހާ ލިޔުންތެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައި އެކްސްގައި ޝާއިއުކުރެއްވި މެސެޖެއްގައެވެ.
އަބްދުއްރަހީމްގެ މެސެޖުގައި، ލިޔުންތެރިންގެ އަގު ހުރި މަސައްކަތަކީ ތައުލީމާއި އުފެއްދުންތެރި ކަމާއި މުނިފޫހިފިލުވުމާއި ބިނާ ކުރުމުގެ ބިންގާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި، ޒަމާނުގެ އާ ބަދަލުތަކާއެކު، އެކި ބާވަތްތަކުގެ ލިޔުންތައް ދިރާސާކޮށް، ދިވެހި ލިޔުންތެރިކަން އެ މަގުން ތަރައްގީ ކުރަން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ. އެއީ ދިވެހިރާއްޖޭގައި ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަބީ މަޖައްލާ ކަމުގައިވާ”އަލްއިޞްލާޙް” ނެރެން ފެށުނު ދުވަހެވެ. އެ މަަޖައްލާ އަލަށް ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަނގަކުރަން ފެށީ 1993 ވަނަ އަހަރެވެ. މިއީ، ލިޔުންތެރިންގެ ދުވަސް ފާހަގަކުރަން ފެށިތާ 31 ވަނަ އަހަރެވެ.




