ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އެކުލަވާލާ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީ ހޯދުމަށް މަގުފަހިކޮށްދޭ އެއްބަސްވުމުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ރުހުން ސަރުކާރުން ހޯއްދަވަނީ “ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް” ގައި ސޮއިކޮށް ތަސްދީގުކުުރުމަށެވެ. އެއީ، ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ބާވަތުގެ މުއާހަދާތަކުގައި ސޮއިކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައި ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާތީ އާއި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅައި ފާސްކޮށް، މަޖިލީހުން ނިންމަވާގޮތެއްގެ މަތީން ކަމަށް ވެސް ގާނޫ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާތީ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް މިކަމަށް އެދި ފޮނުއްވި ސިޓީ އިއްވައި، އެކަމަށް މަޖިލީހުން ރުހުންދޭން ފެނޭތޯ ބެލުމަށް ދިރާސާކޮށް ގޮތެއް ނިންމުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ރައީސް ޑރ. މުއިއްޒު މިކަމުގައި މަޖިލީހުގެ ރުހުން ހޯދަން ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅި ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހު މަޖިލީހުން އެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަޒީރުން ލަފާދެއްވުމާއި ގުޅިގެންނެވެ.
މި ޓްރީޓީގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމެވެ. އަދި މި ޓްރިޓީގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ.



