ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މުވައްޒަފުން ވަކިކުރުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.
ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއް ނެތި މުވައްޒަފުން އިތުރުކޮށް ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަކިކުރަމުންދާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައްރޫފް ޒާކިރު އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައީސް ޑރ. މުއިއްޒު މއިަހަރުގެ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުގެ ރިކަރެންޓް ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުަމަށް އެމަނިކުފާނު ނިންމައި، ސިޔާސީ މަގާމުގެ އަދަދު 700 އިން ދަށުގައި ހިފެހެއްޓުމަކީ މިސަރުކާރުގެ ވައުދެއްކަމަށް ވާއިރު، އެއަދަދު 2،000 އާ ގާތްކުރާކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަކަމަށެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާއިރު، މި ދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައި އަދި އެމަނިކުފާނުގެ ވައުދުފުޅާ ޚިލާފުވެ، ހައްދެއް ނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަސައްކަތާ އެކަށީގެން ނުވާ ބޮޑެތި މުސާރައާއެކު ގިނަ އަަދަދެއްގެ މުވައްޒަފުން އައްޔަންކޮށް، ސަރުކާރުގެ އިދާރާތަށް އެތަކެއް ސިޔާސީ މަގާމުތަކަށް އައްޔަންކުރަމުން އަންނަކަން ފާހަނގަކޮށްފައި ވެއެވެ.
ސަރުކާރުގެ ޚަރަދުކުޑަކުރުމުގެ ސިޔާސަތު ތަންފީޒުކުރަމުންދަނީ، ނުވަތަ ޚަރަދު ކުޑަކުރުމުގެ ނަމުގައި ހިންގަމުންދާ ޖަރީމާ އަމާޒުކުރައްވަނީ ހަމައެކަނި އާދައިގެ ވަޒީފާތައް އަދާކުރަމުންދާ ދެރަ ނިކަމެތި އާދައިގެ ރައްޔިތު މީހާއަށް. ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ކުރުމަކީ އެއްވެސް ފަރާތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގުން މަހްރޫމުކުރުމަށް އެއްވެސް ފަރާތަކަށް ލިބިގެންވާ ހައްގެއް ނޫންކަމާއި ސަރުކާރުގެ ވަޒީފާ އަދާކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކެމްޕޭންުގައި ވައުދުވެވަޑައިގެންފައިވީނަމަވެސް، އެވައުދުފުޅާއި ކަނޑައެޅިގެން ޚިލާފުވެ ފާއިތުވެދިޔަ ދެމަސްދުވަހަށް ނަޒަރު ހިންގާލާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ހިންގާ ކުންފުނިތަކުގައި އާދައިގެ މަގާމުތަކުގައި މަސައްކަތް ކުރަމުންދާ އެތަކެއް މުވައްޒަފުންނެއް އެއްވެސް ހަމައެއް ލަމައެއް، އުސޫލެއް ނެތި ވަޒީފާއިން ވަކިކޮށް އެފަރާތްތަކުގެ އާއިލާތައް ބިކަކޮށްފައިވާ މަންޒަރު ފެންނަމުން އަންނަކަމަށް ކުއްލި މައްސަލައިގައި ބުނެފައި ވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންތިހާއަށް މިކަމުގެ ޝަކުވާ ލިބެމުން އަންނާތީ މިކަން ވަގުތުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
”ހައްދެއްނެތި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބޮޑެތި މުސާރައިގައި މީހުން އައްޔަންކުރުމާއި، ސަރުކާރުގެ އިދާރާތަކަށް އައްޔަންކުރަމުންދާ ސިޔާސީ މަގާމުތަކަށް ހުއްޓުމެއް ގެނެސް އަދި އާދައިގެ މަގާމުތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރުން މިހިނދު މިހިނދަށް ހުއްޓާލުމަށް ގޮވާލާ، މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތަކުގެ ވަޒީފާތަށް އިޔާދަކޮށްދިނުމަށް ގޮވާލަން.“ ކުއްލި މައްސަލައިގައި ބުނެފައި ވެއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ކުއްލި މައްސަަލަ ބަލައިގަންނަ މިންވަަރަށް ވޯޓް ނުލިބުމުން ރިޔާސަތުން ވަނީ އެ މައްސަލަ ބަލައި ނުގަންނަކަން އިއުލާނުކުރައްވާފަ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބަކަށް ވީ ހިނދު މި ފަދަ ދަނޑިވަޅެއްގައި ގިނަ އަދަދަކަށް ސިޔާސީ މަގާމު ތަކަށް މީހުން އައްޔަންކުރަމުންދާތީ އެކަމުގައި ހުރި ގޮންޖެހުންތަކާއި ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށް ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންތިހާއަށް އިތުރުކޮށްފައިވާ މުވައްޒަފުންނާއި ހޭދަވާ މުސާރަ ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިިނިސްޓްރީ އޮފް ފިނޭންސް އަރިހުގައި އެދުމުން އެ މައުލޫމާތު ދިނުމަށް އިންކާރުކޮށް އިދިކޮޅު އެމްޑީޕީން 3ޖުލައި 2024 ވީ ބުދަ ދުވަހު މަޖިލިސް ތަޅުމަށް ވެއްދި ކުއްލި މައްސަލަވެސް ބަލައި ނުގަނެ ބޭރުކޮށްލާފައިވާކަމަށް މިއަދުގެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ކެންދޫ ދާއިރާގެ މެންބަރު މައްރޫފް ޒާކިރު ވިދާޅުވި އެވެ.



