މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދިޔަ ހަ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭވެސް މާލެ ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ 04 ތަނެއް ބަލާ ފާސްކުރިކަމަށެވެ. އަދި، މި ރެއިޑްތަކުގައި ބިދޭސީ 05 ފިރެހެނަކާއި 01 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އިއްޔެ ރޭވެސް އިމިގްރޭޝަނުން މާލެއާއި ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ރެއިޑްތަކެއްގައި، ގަވާއިދާ ހިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދިޔަ 8 ބިދޭސީއަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ބޮޑެއްވެސް ހިމެނެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތަކުގައި ޝާމިލުވާ މީހުން ހޯދުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މާލޭގެ ދެމާރުކޭޓަކާއި، ކެފޭތަކާއި، ފިހާރަތަކާއި، ސްޕާތަކުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން އަންނަ މީހުން ހޯދުމަށް އޮޕަރޭޝަން ހިންގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހުއްދަނެތް ވިޔަފާރި ހަރަކާތްތަކުގައި އުޅޭ މީހުންނާއި، ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރާ މީހުން ހިމެނެއެވެ. މީގެ އިތުރުން ޑޮލަރުގެ ވަގުވިޔަފާރި ކުރާ މީހުންނާއި، ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވަމުން އައި ބިދޭސީންތަކެއްވެސް ހިމެނެއެވެ.
މިފަދަ އޮޕަރޭޝަންތަކުގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު 99އަށް އަރާފައިވާއިރު، މި އެންމެން ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، އަދިވެސް އިތުރު އޮޕަރޭޝަންތައް ކުރިޔަށްގެންދާނެކަމަށެވެ.



