މިނިސްޓަރު ކަމުގެ މަގާމު ނާޖާއިޒުގޮތުގައި ބޭނުން ނުކުރައްވާނެކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ދެއްވައިފި އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، އެމަނިކުފާނުގެ ދަރިކަލަކަށް މެލޭޝިއާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ވަޒީފާ ދިނީ މިނިސްޓަރުގެ ނުފޫޒުންކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިނިސްޓަރަށް ފާޑުކިޔައި، މިނިސްޓަރުގެ އަގުވެއްޓޭ ގޮތަށް ދޮގު ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މިކަމާއި ގުޅުވައިގެން މިނިސްޓަރު މިއަދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ދަރިޔަކަށްވެސް އަދި އާއިލާ މެންބަރަކަށްވެސް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަޒީފާގެ ފުރުސަތު ހޯއްދަވައި ނުދެއްވާނެކަމަށެވެ.
”އަޅުގަނޑުގެ ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުޞަތަކީ އަޅުގަނޑު ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުޞަތެއްނޫން.“ މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވަނީ، މަގާމުގެ ނާޖައިޒު ގޮތުގައި ބޭނުން ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ހަމަ އެހެންމެ، ދައުލަތުގެ މުދަލާއި، ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނުވަނީ ދެއްވާފަ އެވެ.




1 Comment
މިހާރުވެސް ނާޖާއިސްގޮތުގަ ބޭނުންކުރަމުންދަނީ