ދިވެހިރާއްޖޭގެ ފަރާތުން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހްމަދު އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހީމް އަށް އަރުވައި ފިއެވެ.
މި ރަސްމިއްޔާތު އޮތީ އިއްޔެ ކުއާލަލަމްޕޫރު ގައި ހުންނަ ރަސްގެފާނުގެ ގަނޑުވަރު އިސްތާނާ ނެގާރާ ގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، އެ ކަމަނާ ވަނީ މެލޭޝިއާގެ ރަސްގެފާނާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހެޔޮއެދުންތައް އަރިސް ކުރެއްވި އެވެ. އަދި ރަސްގެފާނަށާއި، މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށް އެދިވަޑައިގަނަވާކަމަށް ވިދާޅުވި އެވެ.

މެލޭޝިއާގެ ރަސްގެފާނުގެ ވާހަކަފުޅުގައި، ސަފީރުކަމުގެ މަގާމާ ހަވަލުވެވަޑައިގެންނެވުމާއި ގުޅިގެން އެކަމަނާއަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކާ އެކަމަނާއަށާއި ދިވެހި ސަރުކާރަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެރުވި އެވެ.
ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މެލޭޝިއާ ސަރުކާރާއި މެލޭޝިއާ ރައްޔިތުން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދު މިހާރު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
މި ރަސްމިއްޔާތުގައި ހައި ކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ ޢާއިޝަތު ސަމާހާ ބައިވެރިވެ ވަޑައިގެންނެވި އެވެ.




