މިދިޔަ ޖޫން މަހު ޒަކާތު ފަންޑުން 107 ފަރާތަކަށް ބޭސްފަރުވާގެ އެހީގެގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޒަކާތު ހައުސްއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ފަގީރުންނާއި މިސްކީނުން ހިމެނޭގޮތުން، 107 ފަރާތަކަށް ބޭސް ފަރުވާގެ ޚަރަދުތަކަށް ޖުމްލަ 1،044،989.53 ރުފިޔާ ދޫކޮށްފައި ވެއެވެ. މީގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށާއި، ހިތުގެ އޮޕަރޭޝަން ތަކަށާއި، ކިޑްނީ ބަލިތަކަށާއި އަދި ސިކުނޑީގެ އޮޕަރޭޝަންތަަކަށް ދޫކުރި ފައިސާ ހިމެނެއެވެ.
ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފުސީލު:
ކެންސަރު ފަރުވާ: 262.911.00 ރުފިޔާ
ހިތުގެ އޮޕަރޭޝަން: 38،164.00 ރުފިޔާ
ކިޑްނީ ބަލިތަކުގެ ފަރުވާ: 97،531.50 ރުފިޔާ
ޓްރާންސްޕްލާންޓްތައް ހެދުން: 25،443.00 ރުފިޔާ
ސިކުނޑީގެ އޮޕަރޭޝަން: 124،580.53 ރުފިޔާ
އެހެނިހެން ބަލިތަކަށް: 322،327.50 ރުފިޔާ
ޒަކާތު ހައުސްއިން ބުނީ، ޖޫންމަހު އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 870،957.53 ރުފިޔާނަމަވެސް ދޮޅުމިލިއަނާ ގާތްކުރާ އަދަދަކަށް ޖޫންމަހު ޚަރަދުކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ހޭދަކުރި 273026.48 ރުފިޔާވެސް ހިމެނެއެވެ.
ޒަކާތު ހައުސް އަކީ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ ބޭނުމުގައި ސަރުކާރުން އުފައްދާވާފައިވާ އިދާރާއެކެވެ. ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ. މީގެ އިތުރުންވެސް މި މުވައްސަސާގެ ތެރެއިން ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުން ހިމެނެއެވެ.




1 Comment
ޒަކާތަކީ ކީރިތިި ގުރުއާނުގައި 10 ބަޔަކަށް ބެހެވޭނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅފައިވާ އެއްޗެކެވެ. މިނިސްޓަރު ބޭނުންހާ ބަޔަކަށް ބަެނުންހާ ކަމަކަށް ހަރަދު ކުރެވޭނެ އެއްޗެއް ނޫނެވެ.