ކޮރެއަން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ(ކޮއިކާ) އިން ރާއްޖެއަށް ޕޯޓަބްލް އެކްސްރޭ މެޝިނެއް ހަދިޔާކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ، ކޮއިކާއިން ހަވާލުކުރި މި އެކްސްރޭ މެޝިންގެ އަގަކީ 98000 އެމެރިކާ ޑޮލަރުކަމަށެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކްސްރޭ މެޝިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބުދުލްޞަމަދު އަބުދުﷲ އެވެ. އަދި، ކޮރެއާ ސަރުކާރުގެ ފަރާތުން މެޝިން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޔޯން ލީ އެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން، ފޮރިން މިނިސްޓްރީގެ ސްކެޓްރީ އޮފް އިކޮނޮމިކް ކޯޕަރޭޝަން ޑރ. ހުސެއިން ނިޔާޒުވެސް ބައިވެރިވަޑައިގެންނެވި އެވެ.
މި މެޝިނަކީ، ކޮރެއާ ސަރުކާރާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ސިއްހީ ދާއިރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާކުރި އެކްސްރޭ މެޝިނެއްކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.


