150 އަށްވުރެ ގިނަ މީހުން އެކުވެ ހިންގި ސްކޭމް އެއްގައި މަދަނީ ޖަމްއިއްޔާއެއްގެ ބޭންކް އެކައުންޓުން ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ނިގުޅައިގަނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ، ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ ދެ ސްކޭމް މައްސަލައާ ބޭހޭ ގޮތުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މިބައްދަލުވުމުގައި ބްރީފިންގް ދިން ފުރަތަމަ މައްސަލައަކީ، ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އާންމު ފަރުދަކަށް ނުދަންނަ ނަންބަރަކުން ގުޅައި ފްލެޓް ލިބިފައިވާކަމަށް ބުނެ، އޮޅުވާލައި، އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި، ވިކްޓިމްގެ މޯބައިލް ނަމްބަރު އީ ސިމްއަކަށް ބަދަލުކޮށް، އިންޓަނެޓް ބޭންކިންގް ކޮމްްޕްރޮމަައިޒްކޮށް އަދި އިންޓަނެޓް ބޭންކިންގްގެ އެކްސެސް ހޯދައި، ވިކްޓިމްގެ ޕަރސަނަލް އެކައުންޓުން ފަންސަވީސްހާސް ރުފިޔާ އާއި ވިކްޓިމްގެ ބައިވެރިވުން އޮންނަ މަދަނީ ޖަމްއިއްޔާއެއްގެ އެކައުންޓުން ފަސްލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ސާޅީސް ނުވަ ރުފިޔާ ނަގާފައިވާކަމަށް ފުލުހަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުންނެވެ.
މި މައްސަލައާއި ގުޅިގެން ކުރިޔަށްދާ ތަހުގީގުގެ ތަފުސީލު ހިއްސާކުރައްވަމުން، އެންޓި ސްކޭމް ސެންޓަރުގެ ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އުޝާމް މުހައްމަދު ވިދާޅުވީ، ވިކްޓިމް ފުލުހަށް އެމައްސަލަ ހުށަހަޅާފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ 4 ޖެހިއިރު ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުން ކަންހިނގާގޮތް ބެލިއިރު، މައްސަލައިގައި ވިކްޓިމްގެ ޕަރސަނަލް އެކައުންޓާއި، ވިކްޓިމްގެ ބައިވެރިވުން އޮންނަ މަދަނީ ޖަމްއިއްޔާއެއްގެ އެކައުންޓުން ފަސްލައްހަ އަށްޑިހަ އެއްހާސް އެއްސަތޭކަ ސާޅީސް ނުވަ ރުފިޔާ ނަގާފައި ވާކަން އެނގުނު ކަމަށެވެ. އަދި، ބޭންކަށް އެ މައްސަލަ ރިޕޯޓް ކުރެވުމުން ވިކްޓިމްގެ އެކައުންޓުން %47 ފައިސާ ސަލާމަތްވެ، ޖަމްއިއްޔާގެ އެކައުންޓުން %42 ފައިސާ ސަލާމަތްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ، މައްސަލައިގެ ތަހްގީގުން މިހާތަނަށް ބެލިބެލުމުން މި ފައިސާ ނިގުޅައިގަންނަން ހޭދަވެފައިވަނީ 1 ގަޑީއިރާ 49 މިނެޓުކަމާއި، މިކަމަކީ ގިނަ ބަޔަކު ބައިވެރިވެ ރާވައިގެން ހިންގާފައިވާ އޯގަނައިޒްޑް ކްރައިމެއްކަން ތަހުގީގަށް ފާހަނގަ ކުރެވުނުކަމަށެވެ. އެގޮތުން، މައްސަލައިގައި ނިގުޅައިގަނެފައިވާ ފައިސާ ކޭޝްއައުޓް ކުރުމުގަޔާއި، މުދާ ގަތުމުގައި ރާއްޖޭގެ 8 އަތޮޅަކުން ޖުމްލަ 36 ރަށަކުން 150 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މައްސަލައާއި ގުޅިގެން ވިތުޑްރޯވ ކޮށްފައިވާ ފައިސާ، ވިތުޑްރޯވް ކުރުމުގައި ”މަނީ މިއުސް“ ގެ ގޮތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާކަން އަދި މިބައިވެރިވެފައިވާ ފަރާތްތަކަށް މާލީ ގޮތުން އެކި ވަރުގެ މަންފާ ލިބިފައިވާކަންވެސް ތަހުގީގަށް ފާހަނގަ ކުރެވުނުކަމަށް އުޝާމް ވިދާޅުވި އެވެ.
”ވިކްޓިމްގެ އެކައުންޓަށް އޭނާގެ ބައިވެރިވުން އޮންނަ ޖަމްއިއްޔާގެ އެކައުންޓުން ނިގުޅައިގަނެފައިވާ ފައިސާގެ ތެރެއިން %62 ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި 8 އޭޓީއެމްއަކުން ވިތުޑްރޯވ ކޮށްފައިވޭ. މި ފައިސާގެ %19 ކްރިޕްޓޯ ކަރެންސީއާއި އަދި ފަސް ވިޔަފާރިއަކުން އިލެކްޓްރޯނިކްސް އަގުބޮޑު މުދާ ގަތުމަށް ހޭދަކޮށްފައިވޭ.“ އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ، މައްސަލަ ހުށަހެޅުމާއި ގުޅިގެން ހިނގާފައިވާ ޓްރާންސެކްޝަންތަކުގެ މަނީ ޓްރަޔަލް ބަލައި ނިގުޅައިގެންފައިވާ ފައިސާގެތެރެއިން ބޭނުންނުކުރެވިހުރި %18 އިން ސައްތަ ފައިސާ ފްރީޒްކުރެވިފައި ވާކަމަށެވެ.
ނިގުޅައިގަނެވިފައި ހުރި ފައިސާ އެކި ލޭޔަރ ތަކުގައި ދައުރު ކުރެވިފައި އަދި ކޭޝްއައުޓް ކުރެވިފައިވާ ގޮތް:
* ފުރަތަމަ ލޭޔަރގައި، މި ފައިސާގެ %60 ކޭޝް އައުޓްކޮށްފައިވޭ. މި މުއާމަލާތްތަކަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް 5-10 މިނެޓުގެ ވަގުތުކޮޅެއް.
* ފަސްޓް ލޭޔަރ އިން ދެވަނަ ލޭޔަރއަށް ދައުރުވެފައިވާ ފައިސާ ވިތުޑްރޯވ ކުރުމުގައި ގާތްގަނޑަކަށް 15-20 މިނެޓު ހޭދަވެފައިވޭ.
* ދެވަނަ ލޭޔަރ އިން ތިން ވަނަ ލޭޔަރ އަށް ފައިސާ ދައުރުކޮށް އެ ލޭޔަރގައި ފައިސާ ވިތުޑްރޯވކުރުމަށް ގާތްގަނޑަކަށް 20-30 މިނެޓު ހޭދަވެފައިވޭ.
* ތިންވަނަ ލޭޔަރ އިން ހަތަރުވަނަ ލޭޔަރއަށް ދައުރުކުރި ފައިސާ ވިތުޑްރޯވ ކުރުމަށް 6 ގަޑީއިރު ހިނގާފައިވޭ.
މި ތަހުގީގުގައި 19 ފަރާތެއް ހުއްޓުވައި ބަލާ ފާސްކޮށް 10 މީހުން ދިރިއުޅޭ ތަނެއް ބަލައި ފާސްކޮށް 42 މީހަކާއި ތުހުމަތުގައި ސުވާލުކުރެވިފައިވެއެވެ. އަދި. މި މައްސަލައިގައި ހެކި ހޯދުމުގެ ގޮތުން ގާތްގަނޑަކަށް 16 ގަޑިއިރުގެ ސީސީ ޓީވީ ފުޓޭޖް އެނެލައިޒްކޮށް 29 މޯބައިލް ނަމްބަރެއްގެ ސީޑީއާރް އެނެލައިޒްކޮށްފައިވެއެވެ. މީގެ އިތުރުން، ޖުމްލަ 230 ބޭންކް ސްޓޭޓްމެންޓެއް އެނެލައިޒް ކުރެވިފައިވެއެވެ.
”މިމައްސަލަިގައި އަޅުގަނޑުމެން ބަލައި ފާސްކޮށް، މީހުން ހުއްޓުވިއިރު 87 އިލެކްޓްރޯނިކް ޑިވައިސްއެއް ވަނީ ހިފަހައްޓާފައި. އަދި މިތަކެތި އެނަލައިސިސްއާއި އެކަައުންޓް ސްޓޭޓްމެންޓްތަކުގެ އެނަލައިސިސް މިހާރު ދަނީ ކުރަމުން. މީގެ އިތުރުން މައްސަލައާއ ގުޅިގެން އަޅުގަނޑުމެން ކ. މާފުށީ ޖަލުގެ 3 ޔުނިޓެއްގެ 16 ގޮޅި ބަލާ ފާސްކޮށް، 21 މޯބައިލް ފޯނާއި، 10 ހެޑް ސެޓާއި،3 ޔޫއެސްބީ ޗާޖަރާއި 1 ޕެންޑްރައިވް އާއި، އެކައުންޓް ނަމްބަރުތަކާއި މޯބައިލް ނަމްބަރުތަކެއް ނޯޓްކޮށްފައި ހުރި 9 ފޮތަކާއި، 2 ސިމްކާޑޫ އަދި މެމަރީ ކާޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ.“ އުޝާމް ވިދާޅުވި އެވެ.
މައްސަލައިގައި މިހާ ބޮޑެތި ކުރިއެރުންތައް ލިބިފައިވާއިރު، މިހާތަނަށް މައްސަލައިގައި އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މިއީ، އެންޓި ސްކޭމް މައްސަލައެއްގެ ތަހުގީގު ފުޅާކޮށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެގެން ހިންގި ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން، ގާތްގަނޑަކަށް ތަހުގީގުގެ އެކި މަރުހަލާތަކުގައި 180 އަށް ވުރެ ގިނަ ފުލުސް އޮފިސަރުން ބައިވެރިވިއެވެ.


