ބޮޑު ސްކޭމެއް ހިންގައި، ވިޔަފާރި ކުންފުންޏަކާއި، އެކުންފުނީގެ ހިއްސާދާރެއްގެ އެކައުންޓުން ޖުމްލަ 1.9 މިލިއަން ރުފިޔާ ފޭރިގަނެފި އެވެ.
މި ސްކޭމް ހިންގާފައިވަނީ، ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް ކާކުކަން ނޭނގޭ ފަރާތަކުން ގުޅައި، ވައިބަރ އާއި ވަޓްސްއެޕް މެދުވެރިކޮށް ޕްރޮޖެކްޓްތަކަކަށް މުދާ ސަޕްލައިކުރަން ބޭނުންކަމަށްބުނެ، އެ މުއާމާލާތުގެތެރޭގައި އޮޅުވާލައިގެން ވެންޑަރ ރަޖިސްޓްރީކުރުމަށް އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި އީމެއިލް ކޮމްޕްރޮމައިޒްކޮށް، އިންޓަނެޓް ބޭނުންކޮށްގެން އެކްސެސް މެދުވެރިކޮށް ވިކްޓިމްގެ ޕަރސަނަލް އެކައުންޓަށް އެކްސެސްވެގެންނެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ވަނީ މި ސްކޭމްގެ ތަފުސީލާއި، ތަހުގީގުގެ މަރުހަލާތައް ނޫސްވެރިންނާއި ހިއްސާކުރައްވާފަ އެވެ.
މި މައްސަލައިގެ ތަފުސީލު ހިއްސާކުރައްވަމުން، އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، މި ސްކޭމްގައި ކުންފުނީގެ ހިއްސާދާރުގެ އެކައުންޓުން 25،000 ރުފިޔާ އަދި ވިޔަފާރީގެ އެކައުންޓުން 1,897,016 ރުފިޔާ ނިގުޅައިގަތް މިކޭސް ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖޫންމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 17: 15 ހާއިރު ކަމަށެވެ. އަދި، މިކަން ހިނގި އިރު ކުންފުނީގެ އެކައުންޓުގައި ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާ ހުރިކަމަށާއި، ކުންފުނީގެ ހިއްސާދާރަށް އެކައުންޓުގައި ފައިސާ މަދުކަން ފާހަނގަ ކުރެވިގެން އެކަން ބޭންކަށް އަންގައި ސްކޭމް ހުއްޓުވުނުއިރު، އެކައުންޓުން ގާތްގަނޑަކަށް ސަލާމަތް ކުރެވުނީ އަށްލައްކަ އެއްހާ ރުފިޔާ ކަމަށްއޭނާ ވިދާޅުވި އެވެ.
”ސަލާމަތްކުރެވުނީ އެކައުންޓުގައި ހުރި ފައިސާގެތެރެއިން ގާތްގަނޑަކަށް %32. މިސްކޭމްގައި %72 ގެއްލުންވެފައިވޭ. މިފައިސާގެ ތެރެއިން ޖުމްލަ 548,860 ރުފިޔާ މިހާރު ވަނީ ރިކަވަރ ކޮށްދެވިފައި. މިފައިސާ ގެއްލުންވި ފަރާތަށް ރައްދު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. މިމައްސަލައިގަވެސް އެކަކު ވަނީ ހައްޔަރުކޮށްފައި.“ މަރިޔަމް ރަޝީދާ ވިދާޅުވި އެވެ.
މި މައްސަލައިގެ އިތުރު ތަފުސީލު ހާމަކުރައްވަމުން، އެންޓިސްކޭމް ސެންޓަރުގެ ރެޕިޑް ރެސްޕޮންޒްގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީން ވިދާޅުވީ، މި ފައިސާ ކުންފުނީގެ އެކައުންޓުން ބޭރުކުރުމަށް ޖުމްލަ 56 ޓްރާންސެކްޝަނެއް ހަދާފައިވާއިރު، 50 އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ. އަދި، މި 50 އެކައުންޓްގެ ތެރެއިން 35 އެކައުންޓަކަށް ޖަމާކުރި ފައިސާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާކަމަށާއި، އަދި ބާކީ 14 އެކައުންޓުން އިތުރު އެހެން އެކައުންޓަތަކަށް ފައިސާ ޖަމާކޮށްފައިވާއިރު، ”ފަވަރަ“ މެދުވެރިކޮށް ފުރަތަމަ އަދި ދެވަނަ ލޭޔަރުގައި 14 ޓްރާންސެޝަނެއް އެހެނިހެން ބޭންކްތަކުގެ ތެރޭގައި ހިނގާފައިވާކަން ފާހަނގަކުރެވުނު ކަމަށެވެ.
”އެވްރެޖްކޮށް އެކައުންޓަތަކަށް ފައިސާ ޓްރާންސްފަރކޮށް އޭޓީއެމް މެދުވެރިކޮށް ނެގުމަށް ހޭދަވެފައިވަނީ 5-10 މިނެޓުގެ ވަގުތެއް. މުޅި އޮޕަރޭޝަންގެ އެންމެ ފަހު ޓްރާންސެކްޝަން ހިނގާފައިވަނީ އެދުވަހު 16:30 ގައި.“ ނަވީން ވިދާޅުވި އެވެ.
މި މައްސަލައިގައި ތަހުގީގަށް ބޭނުންވާ ފުރަތަމަ މައުލޫމާތު ބޭންކުން ހިއްސާކުރުމާއެކު، އެވަގުތުން ފެށިގެން ފުލުހުން އެކަމުގެ ޚާއްސަ ޓީމުތަކެއް އެކުލަވާލައި، މައްސަލައިގައި އަތޮޅުތެރޭގައި ފުލުހުންގެ ޓީމެއް އެލާޓް ކޮށް، މައްސަލައިގެ މަސައްކަތް އެހިނދުން ފެށިގެން ފަށައިގަތެވެ. މިގޮތުން، މައްސަލައިގެ ފުރަތަމަ 72 ގަޑީއިރު ތެރޭގައި ސްކޭމްގައި ހިމެނޭ 50 މީހުންގެ ތެރެއިން %80 ފަރާތްތަށް ތިބި ތަންތަނަށް ފުލުހުން ގޮސް އެމީހުންނާއި ސުވާލުކޮށް، ބަލާ ފާސްކުރަންޖެހޭ ފަރާތްތަކަށް ފާސްކުރިކަމަށް ފުލުހުން ބުންޏެވެ. އަދި، މި ސްކޭމްގައި ދައުރުކުރި ފައިސާގެ ތެރެއިން އެއްލައްކަ ރުފިޔާ ބޭންކުން ހޯލްޑްކޮށް އަދި ތަހުގީގުގެތެރެއިން ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ ރިކަވަރު ކުރެވިފައިވާއިރު، ސްކޭމްގައި ނިގުޅައިގަތް ފައިސާގެ ތެރެއިން 548,860ރުފިޔާ މިހާރު ވަނީ ރިކަވަރު ކުރެވިފަ އެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް 37 ސީސީ ޓީވީ ފުޓޭޖް ބަލައި، 60 މީހަކާ ސުވާލުކޮށް ބަލައި ފާސްކޮށް، 57 ބޭންކް އެކައުންޓެއް ފްރީޒްކޮށްފައި ވާކަމަށެވެ. އަދި، 130 ފަރާތެއްގެ ބޭންކް އެކައުންޓް ސްޓޭޓްމެންޓް ނަގައި މިވަގުތު އެނެލައިޒްކުރަމުން ދާއިރު، 68 ސިމް އެއްގެ ސީޑީއާރް އެނަލައިޒް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ނަވީން ވިދާޅުވި އެވެ.
މި މައްސަލައިގައި ނިގުޅައިގަނެފައިވާ ފައިސާ ފައިނޭންޝިއަލް ސިސްޓެމްތެރެއިން ބޭރުކުރުމުގައި ރާއްޖޭގެ 6 އަތޮޅެއްގެ 12 ރަށަކުން 158 މީހުން އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން އޭޓީއެމްތަކުން ފައިސާ ނަގައި ދައުރުކުރުމުގެ ތެރޭގައި އިތުރު ބަޔަކު ޝާމިލު ވާކަން ތަހުގީގަށް ފާހަނގަކުރެވިފައިވާތީ، މިވަގުތުވެސް ތަހުގީގުގައި އެފަރާތްތައް ދެނެގުތުމުގެ މަސައްކަތާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަން ނަވީން ފާހަނގަކުރެއްވި އެވެ.



