ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) ގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ރިސޯޓްތަކުން ކުނި ނެގުމުގެ ޚިދުމަތް މިއަދު ފަށައިފި އެވެ.
މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ޚިދުމަތަށް ރަޖިސްޓްރީކޮށް ޚިދުމަތް ހޯދަން މިހާތަނަށް އެދިފައިވާ ދެ ރިސޯޓާއެކުގަ އެވެ. އެގޮތުން، އަލަށް ޚިދުމަތް ހޯދާ ދެ ރިސޯޓްކަމަށްވާ ކޮރާ ކޮރާ މޯލްޑިވްސްއާއި، އަލީލާ ކޮތައިފަރާއެކު މިއަދު ވަނީ ޚިދުމަތް ދިނުމުގެ އެއްބަސްވުުގައި ސޮއިކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްއާއި، އެ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. މީގެއިތުރުން، ކޮރާ ކޮރާ މޯލްޑިވްސްއާއި، އަލީލާ ކޮތައިފަރުގެ ސީނިއާރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ވެމްކޯގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
ރިސޯޓް ކަލެކްޝަންގެ ޙިދުމަތް ވެމްކޯއިން އިފްތިތާހުކުރީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާރ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ. އެހެންކަމުން، މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދިނުމުގެ ޚިދުމަތްދޭނެކަމަށް ވެމްކޯއިން ބުންޏެވެ.
ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ގަވައިދުގައިވާގޮތުންނަމަ، ރިސޯޓްތަކުން ކުނި ނަގަންވާނީ ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި، މައުދަން އަދި އެހެނިހެން ކުނި ހިމެނޭހެން 4 ބަޔަށް ވަކިކުރުމަށް ފަހުގަ އެވެ. އަދި މިހަމަތަކުގެ މަތީން ކުނި ވަކިކުރުމުން، ދެމެހެއްޓިނިވި ގޮތެއްގައި ފަތުރުވެރިކަމަށްވެސް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.




