ކައުންސިލްތަކުން މިހާރު 2 ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކޮށްދެވޭނީ ކައުންސިލް ނިސްބަތްވާ ޒޯނަށް އެކަނި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، މީގެ ކުރިން ކައުންސިލްތަކަށް ބޭނުން ޒޯނަކަށް 2 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހުއްދަ މިނިސްޓްރީން ދީފައި އޮތް އޮތުން މިހާރު ބަދަލުކޮށްފައިވާކަމަށެވެ. އެގޮތުން، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކައުންސިލްތަކުން ރަޖިސްޓްރީ ކޮށްދެމުން ދިޔަ 2 ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރެވޭނީ އެ ކައުންސިލެއް ނިސްބަތްވާ ޒޯނަށް އެކަނިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ ޒޯންތައް ވަނީ ކަނޑައަޅާފަ އެވެ. ގަވާއިދުގައި މިހެން އޮތް ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އިޚުތިޔާރުދީފައިވާ އުޅަނދުތަކަށް ޚާއްސަ ހުއްދައެއްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވެއެވެ. އެހެން ނަމަވެސް ހުއްދަ ނުހޯދައި އެހެން ޒޯނެއްގައި ދުއްވުމަކީ މަނާކަމެކެވެ.
ރާއްޖޭގައި 3 ޒޯނެއް އޮންނަ އިރު ޒޯން އޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދެވެ. ޒޯން ބީގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ރަށްތަކެވެ. ޒޯން ސީގައި ހިމެނެނީ ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގެ ރަށްތަކެވެ.




