ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބު މިމަހުގެ 24 ގައި ބޭއްވުމަށް އެ އޮތޯރިޓީން ނިންމައިފި އެވެ.
އެލްޖީއޭއިން ބުނީ، އެ އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބު މިމަހުގެ 24 ވާ ބުދަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައި، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މާދަމާ ހުޅުވާލަން ނިންމާފައިވާކަމަށެވެ. އެގޮތުން، މާދަމާ 13:30 ން ފެށިގެން، 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:30 އާ ހަމަޔަށް، މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ބަލައިގަންނާނޭކަމަށް ބުނެފައި ވެއެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރަންޖެހެނީ އެލްޖީއޭގެ election@lga.gov.mv މެއިލަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށްކަމަށް އެލްޖީއޭއިން ބުނެފައި ވެއެވެ.
އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، މިމަހު 24 ވާ ބުދަ ދުވަހުގެ 10:00 އިން 14:00އަށެވެ.އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ހަމަ އެދުވަހު އިއުލާނު ކުރަން ނިންމާފައިވާއިރު، ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27ވަނަ ދުވަހުގަ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބެނީ، ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވެ، ހުވާކޮށްފައިވާ އަތޮޅު ކައުންސިލްގެ ރައީސުންނަށެވެ.




