ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ”މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް“ގެ ނަމުގައި ސްކީމެއް ތަޢާރަފުކުރުމަށް ސިޓީ ކައުންސިލް އިދާރާއިން ނިންމައިފި އެވެ.
އެ ކައުންސިލުން ބުނީ، މިއީ، މަސައްކަތްތެރިންގެ މަސައްކަތް އިތުރަށް ތަރައްގީކުރުމާއި، ރަށުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ފަންނީ މަސައްކަތްތައް އަލަށް ފަށަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމާއި، ކުދި ވިޔަފާރިތައް ފުޅާކުރުމާއި އައު ވިޔަފާރިވެރިން އުފެއްދުމާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާއ،ި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި އެކުލަވާލި ސްކީމެއްކަމަށެވެ. އަދި، ނާޒުކު ހާލަތްތަތަކުގައި ތިބި ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގު ފަހިކުރުމާއެކު އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމަކީވެސް މި ސްކީމްގެ އަމާޒެކެވެ.
މި ސްކީމްގެ ދަށުން ގިނަވެގެން އެއް ލައްކަ ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ސްކީމްގެ %50 ކަނޑައަޅާފައިވަނީ އަންހެނުންނަށެވެ. މި ސްކީމުގެ ތެރެއިން، ކުޅުދުއްފުށީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި، އަލަށް ވިޔަފާރި ފަށާ އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފަރާތްތަކުގެ އިތުރުުން ކުޅުދުއްފުށީގައި ރަޖިސްޓްރ ކޮށްގެން ހިންގާ ކުދި ވިޔަފާރިތައްކަށް ފައިސާ ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.
މިސްކީމުން ދޫކުރާ ފައިސާ އަނބުރާ ދައްކައްޖެހެނީ ފައިސާ ލިބުނުކަމުގެ އެގްރީމެންޓުގައި ސޮއިކުރާ ދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ގޮތުގައި 6 މަސް އުނިކުރުމަށްފަހު، 36 މަހަށް ބަހާލައިގެންނެވެ. ކައުންސިލުން ބުނީ، މި ސްކީމްގެ ދަށުން ދުކުރެވޭ ފައިސ،ާ އެގްރިމަންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން ގިނަވެގެން ފަނަރަ ދުވަސްތެރޭގައި ދޫކުރާނެކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުން މިހާރުވަނީ ސްކީމްގެ ދަށުން ފައިސާ ދޫކުރާނެ އުސޫލު ކަނޑައަޅާ އެ އާންމުކޮށްފަ އެވެ. އަދި އެ ސްކީމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު މިއަދު ހުޅުވާލާފަ އެވެ. ސްކީމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް އެއިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް، 15 އޯގަސްޓް ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.



