ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤުުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އަވަސްކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މީގެ ކުރިން މިމަހުގެ 18 ވަނަ ދުވަހު ރަސްމީ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވަން އިއުލާނުކުރި ނަމަވެސް، މިހާރު އެ ރަސްމިއްޔާތު މިމަހުގެ 16 ވާ އަންގާރަ ދުވަހު ބާއްވަން ނިންމާފައިވާކަމަށެވެ. ރަސްމިއްޔާތު އަވަސްކުރީ ކޮން ސަަބަބަކާހުރެ ކަމެއް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤުުރުއަން މުބާރާތުގެ ކިޔެވުން ކުރިޔަށްދިޔައީ، މި ދިޔަ ޖޫން މަހުގެ 30އިން މި ހިނގާ ޖުލައި 7އަށް ސަލަމާނު ރަސްގެފާނު މިސްކިތުގެ އެކި މާލަންތަކުގައެވެ. މި މުބާރާތުގައި ސްކޫލްތަކާއި މުއައްސަސާތަކުން 992 ބައިވެރީން ވަނީ ކިޔަައިފަ އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީން 579 ބައިވެރީންނާއި ނުބަލައި ކިޔެވުމުގެ ގޮފީން 413 ބައިވެރީންނެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތް ބާއްވައިފައި ވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖާކޮށް، ގެނެވޭން ހުރި ހެޔޮ ބަދަލުތައް ގެނައުމަށް ފަހުގައިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި ބަދަލުތަކުގެ ތެރޭގައި، ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަ ދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމައިލެވޭނެ ގޮތަށް ކިޔެވުން އިންތިޒާމުކުރުމާއި، މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ ތަށިތައް ދިވެހިވަންތަ ފަރުމާތަކަކަށް ބަދަލުކުރުން ހިމެނެއެވެ.


