ޖޮއިންޓް ޓާސްކް ފޯރސް އިން މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ހުރިހައި ބިދޭސީން ރާއްޖެ ނާދެވޭގޮތަށް އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާނެކަމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމްއާން ވިދާޅުވީ، ޖޮއިންޓް ޓާސްކްފޯރސްގެ ދަށުން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މިދިޔަ ހަފުތާގައި އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން މިިދިޔަ ހަފުތާއިން ފެށިގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އަމިއްލަޔަށް ވިޔަފާރި ކުރާ ކުރާ ބިދޭސީންނާއި، އަމިއްލަޔަށް ދިވެއްސަކާ ނުގުޅި ވިޔަފާރި ހިންގާ އޭގައި ޝާމިލުވާ ފަރާތްތަކަށް އަމާޒުކޮށް ހިންގި ރެއިޑުތަކުގައި 120 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ޝަމްއާން ވިދާޅުވި އެވެ. އަދި، މި އެންމެންވެސް އަނބުރާ ރާއްޖެ ނޭދެވޭގޮތަށް ޑީޕޯޓްކޮށްލާނެކަމަށާއި، މިހާރު ކުރިޔަށް ދަނީ އެމީހުން ޑީޕޯޓްކުރުމުގެ މަރުހަލާކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާން އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 17 ނޮވެންމަބަރުން ފެށިގެން 11 ޖުލައިގެ ނިޔަލަށް 2013 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ސީރިއަސް ކުށްތަކުގައި އަރައިގަންނަ ފަރާތްތައްވެސް ހިމެނޭކަމަށް ޝަމްއާން ވިދާޅުވި އެވެ.
މި އަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބުނީ، ޖޮއިންޓް ޓާސްކްފޯރސްގެ އޮޕަރޭޝަންތަކުގެ ތެރޭގައި ހަށިއްކާ ތަންތަނާއި، ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ހިއުމަން ޓްރެފިކިންގެ އެލެމެންޓެއް ހިމެނޭ ކަމެއް ފެނިއްޖެއްޔާ އެކަން ހޯދާ ބަލައި ތަހުގީގުކުރަމުން އަންނަކަމަށެވެ. އެކަމަށް އިމިގްރޭޝަނާއި ލޭބަރ ޑިޕާޓްމެންޓްގެ އެހީތެރިކަން ލިބެމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ، މި ސަރުކާރުން ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނާނެކަމަށާއި، އެކަން އެންމެ އެކަށީގެންވާގޮތުގައި ކުރިޔަށް ގެންދިއުމަށް ސަރުކާރުން ތަންފީޒީ އިދާރާތަކަށް ފުރިހަމަ އިޚުތިޔާރާއި ބާރު ދީފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށްގެންދާ ކުރަނގި އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި އުޅޭ ބިދޭސީންގެ ފުރިހަމަ މައުލޫމާތު އެނގި އެކަން ހައްލުކުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، މިހާރު ކަސްޓޯޑިއަލް ފެސިލިޓީއާ އިމިގްރޭޝަން ޑިޓެންޝަން ފެސިލިޓީގައި ޖާގަ ނެތުމަކީ މިހާރު ކުރިޔަށްގެންދާ ޓާސްކްފޯރސް އޮޕަރޭޝަނަށް ބުރޫ އަރާކަމެއްކަމަށެވެ. އަދި މިހާރު އިމިގްރޭޝަން ޑިޓެންޝަން ފެސިލިޓީގައި ހުރީ 200 މީހުންގެ ޖާގަކަމަށާއި، ހައްޔަރުކުރާ މީހުންގެ ތެރޭގައި ލިޔެކިޔުން ނެތް މީހުން ހިމެނޭއިރު، އެމީހުންގެ ލިޔެކިޔުން ލިބެންދެން ބައިތިއްބަން ޖެހުމާއެކު، ޖާގަ ނެތިގެން ރެއިޑުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަށީގެންވާގޮތުގައި ރެއިޑްތައް ކުރިޔަށް ގެންދެވޭނީ ހޯލްޑިން ކެޕޭސިޓީ އިތުރުކުރެވިގެންކަމަށް އިހުސާން ވިދާޅުވި އެވެ.



