ބިދޭސީ މަސައްކަތްތެރިންނަށް އެކޮމޮޑޭޝަން އަޅަން ޕްރޮޕޯސަލް ލިބުނުނަމަވެސް އެކަން ކުރާނީ ކުންފުނީގެ ހުށަހެޅުންތައް އިކޮނޮމިކް ކައުންސިލަށް ލިބުމުން، އެކަންކަމަށް އެ ކައުންސިލުން އެއްބަސްވާނަމަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ބައިތިއްބަން އެކޮމޮޑޭޝަން ބްލޮކުތަކެއް އެޅުމުގެ ޕްރޮޕޯޒަލެއް ސަރުކާރަށް ލިބިފައިވާ ކަމަށާއި އެ ހުށަހެޅުން ހުށަހަޅާފައިވަނީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ އަޓައިލްޒް އިން ކަމަށެވެ. އެކަމަކު އެއީ އަންސޮލިސިޑެޓް ނުވަތަ އެ ކުންފުނިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލެއްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
”އަޅުގަނޑުމެންނަށް 1 މާޗް 2024ގައި ލިބެނީ އަންސޮލިސިޓެޑް ޕްރޮޕޯސަލްއެއް. މެލޭޝިއާގެ އަޓްލްޒިއާ ކުންފުނި ނަމަކަށް ކިޔާ ކުންފުންޏެއް އެ ކުންފުނިން އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައިވަނީ ނެޝަނަލް މައިގްރެންޓް ވޯކާޒް ޑޯމިޓޮރީސް. އެއީ ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް އަންސްކިލްޑް ލޭބާ ކެޓަގަރީގައި މިކިޔާ މަސައްކަތްތެރިން ރާއްޖެ އައިސް މަސައްކަތް ކުރާއިރު އެމީހުން އެކަމަޑޭޝަންގެ ބްލޮކްސްތަކެއް އެޅުމުގެ ވާހަކަ. ”މިނިސްޓަރު ވިދާޅުވި އެވެ.
އެ ކުންފުނީގެ ޕްރޮޕޯޒަލްގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 60،000 މީހުންގެ އެކަމޮޑޭޝަން ބްލޮކުތަކެއް އެޅުމަށް ހުށަހަޅާފައިވެއެވެ. އެއީ މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ތިލަފުށީގައެވެ. އެތަނުގައި އޭޓީއެމް، ކްލިނިކް، ލޯންޑްރީ، ބަދިގޭގެ އިތުރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމާއި އަދި އެތަނުގައި އުޅޭ ބިދޭސީންގެ ހުރިހާ މައުލޫމާތެއް ހިމެނޭ ސޮފްޓްވެއާ ސިސްޓަމެއް ވެސް ސަރުކާރަށް ދޭނެ ކަމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލުގައި ވެއެވެ.
މިނިސްޓަރ ވިދާޅުވީ، އެ ޕްރޮޕޯޒަލް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓް މޯލްޑިވްސްއަށް އިވޭލުއޭޓް ކުރަން ފޮނުވީ މޭމަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. އަދި އޭގެ މަހެއްހާ ދުވަސް ފަހުން އިވޭލުއޭޓް ކުރުމަށްފަހު އިންވެސްޓް އިން ރައީސް އޮފީހަށް ޕްރޮޕޯޒަލް ފޮނުވާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރީ ޖޫން މަހުގެ 11 ވަނަ ދުވަހުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވަނީ އެއްބަސްވުމަކާ ހިސާބަށް ދިއުމަށްޓަކައި އެންމެ ފަހުގެ ހުށަހެޅުންތައް ހުށަހެޅުމަށް އެ ކުންފުންޏަށް އަންގާފައެވެ. މި އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ސަރުކާރުން އެއްވެސް ހޭދައެއްކުރަން ނުޖެހެއެވެ. އެކުންފުނިން ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ ކޮންމެ ބިދޭސީއެއް އަތުން މަހު ކުއްޔެއްގެ ގޮތުގައި 120 ޑޮަލަރު ނަގާގޮތަށެވެ. އަދި އޭގެ ކޮންމެ ޕެއިމެންޓަކުން ސަރުކާރަށް 5 ޑޮލަރު ދޭގޮތަށެވެ. އެހެންނަމަވެސް، މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގައި ސަރުކާރުން އާމްދަނީއެއް ހޯދުމުގެ އެއްވެސް ވިސްނުމެއްނެތް ކަމަށާއި، އަގު ކުޑަކުރެވޭ ކަމަށްވާނަމަ، ސަރުކާރުން މަސައްކަތްކުރާނީ އެންމެ ކުޑަ އަގަކަށް އެކަން ކުރެވޭނެ ގޮތެއް ހޯދަން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރުވެސް ބިދޭސީންގެ އެކޮމަޑޭޝަން ކަންކަމަކީ އުސޫލެއްގެ ގޮތުން ސަރުކާރަށް އާމްދަނީއެއް ލިބޭގޮތަކަށް ކުރާ ކަމެއް ނޫންކަމަށެވެ. އަދި މިކަމަކީ ރާއްޖޭގައި މިހާރު ބިދޭސީން ތިބޭ ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެނެވޭފަދަކަމެއް ކަމަށެވެ. އަދި މީގެ ސަބަބަުން ބިދޭސީންގެ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.


