ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިޔަށްދާކަމަށް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަރ ސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމަށް މެންބަރުންނަށް ދެއްވި ފުރުސަތުގައި، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް އަދާހަމަކޮށްދެއްވުމަށް އެދި މެންބަރަކު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތިލަމާލެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށާއި، އަދި މަސައްކަތް ކުރިޔަށްދަނީ ޝެޑިއުލްއާ އެއްގޮތްވާގޮތުގެ މަތީންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މަޝްރޫގެ %40 އިން ސައްތައަށް ވުރެ މައްޗަށް މަޝްރޫއުގެ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތް މިހާރު ކުރިޔަށްދާ ސްޕީޑަށް ބަލާނަމަ، 2025 ވަނަ އަހަރު ނިމެންވާއިރަށް ބްރިޖް ވިލިގިއްޔާ ގުޅާލެވި، އަދި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް އަންނަންވާއިރަށް ތިލަފުށްޓާ ގުޅާލެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. 500 މިލިއަން ޑޮލަރުގެ މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީގެ ބައެކެވެ.
ތިލަމާލެ ބްރިޖު އަޅަން އެފްކޯންސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޮގަސްޓް 26، 2021 ގައެވެ.



