ރާއްޖެއާ ޕޭރޫއާ ދެެމެދު އެކްސްޕޯޓާއި, ވިޔަފާރިއާއި, އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ، ޕެރޫ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހާވިއެރ މެނުއެލް ޕައުލިނިކް ވެލަރޑެ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އެރުވުމަށްފަހު، ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ދެ ޤައުމުގެ އެކްސްޕޯޓާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖެއާއި ޕެރޫއަކީ ގްލޯބަލް ސައުތަށް ނިސްބަތްވާ ދެ ޤައުމު ކަމުގައިވާތީ، ޕެރޫއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވި އެވެ.
ޕެރޫ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޕެރޫ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ.
ޕެރޫގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ.
ދިވެހިރާއްޖެއާ ޕެރޫއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1989 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހު އެވެ.



