ނޭޕާލްގެ އާ ބޮޑު ވަޒީރު ކަޑްގާ ޕްރަސާދް ޝަރްމާ އޮލީ މަގާމުގެ ހުވައި ކުރައްވައި މިއަދު މަގާމުގެ ޒިންމާ އުފުއްލަވަން ފެއްޓެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު، އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އޮލީއަށް ތަހުނިޔާ އަރިސްކުރައްވައި، ރައީސް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ދެގައުމުގެ ރައްޔިތުންގެ މެދުގައި ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި، އޮލީގެ ޒައާމަތުގައި ދޭދޭ ގުޅުން ބަދަހިކުރުމަށް ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ނޭޕާލްގެ އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީގެ ލީޑަރު، އޮލީ ވެރިކަންކުރާ ކޯލިޝަންގެ ފަރާތުން ބޮޑު ވަޒީރުކަމަށް ނޮމިނޭޓްކުރައްވާފައިވާއިރު، މަގާމުގެ ހުވާ ކުަރައްވާފައިވަނީ މިއަދުއެވެ. ކުރީގައިވެސް ތިން ދައުރެއްގައި ބޮޑުވަޒީރުކަން ކުަރައްވާފައިވާއިރު، އެމަނިކުފާނުގެ ސަރުކާރުތަކުގައި ރާއްޖެއާއެކު ގާތްގުޅުމެއް ދަމަހައްޓަވާފައިވާކަން ފާހަނގަކުރެވެއެވެ. ވަކިން ޚާއްސަކޮށް ސަރަހައްދީ ޖަމާއަތް ސާކްގެ ކަންކަމުގައި ދެއްވާ އެއްބާރުލުން ފާހަނގަކުރެވެއެވެ.
ރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1980 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 1 ވަނަ ދުވަހު އެވެ.


