ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 13 ވަނަ ދުވަހު ފުލުހުން އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. މިލަންދުއާއި ފ. ނިލަންދޫގަ އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ އެ އޮޕަރޭޝަންތަކުގެ ތެރެއިން މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
”މި މައްސަލައާ ގުޅިގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި.“ ފުލުހުން ބުންޏެވެ.
ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ނިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ލިބުނު މައުލޫމާތަަކާ ގުޅިގެން ހިންގި އޮޕަރޭޝަނެެއްކަަމަށާއި، އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 38 އަހަރުގެ ފިރިހެނަކު ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މި އޮޕަރޭޝަންތަކަކީ، މި އޮޕަރޭޝަންތަކަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށްގެންދިޔަ އޮޕަރޭޝަންތަކެކެވެ.



