ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ފުލުހުން އަތުލައިގަތީ 29 އަހަރުގެ ބިދޭސީ ފިރިހެނެެކެވެ. އެހެންނަމަވެސް އެއީ ކޮންގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ހައްޔަރުކުރީ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ރީތިގަސްމަގުން އޭނާ ދުއްވާފައިދިޔަ ވޭން ހުއްޓުވައި ބަލައިފާސްކޮށްފަ އެވެ. އޭނާއާ މެދު ތުހުމަތު ކުރެވިގެން އެ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިމަހުގެ 5 ވަނަ ދުވަހު، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ކަންނެލި ޖެޓީން ކަޅު ކޮތަޅުތަކެއް ހިފައިގެން ދެ ސައިކަލުގައި ދިޔަ ބަޔަކާމެދު ތުހުމަތުކުރެވިގެން މަޑުކުރަން ބުނުމުން އެމީހުން މަޑުނުކޮށް ދިޔަކަމަށެވެ. އޭގެ ފަހުން، އެސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ މެދުވެރިކޮށް ދެނެގަނެ އެ ސަރަހައްދުތައް ބަލައިފާސްކުރިއިރު އެ މީހުން ގެންގުޅުނުކަމަށް ބެލެވޭ ކަޅުކޮތަޅުތައް އެ ސަރަހައްދުތަކުން ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
”އެ ކޮތަޅުތައް ބަލައިފާސްކުރިއިރު 120 ދަޅު ބަނގުރާ ފެނިފައިވޭ.“ ފުލުހުން ބުނެފައި ވެއެވެ.
މި ދެ މައްސަލަ ވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



