މާލޭސިޓީގެ އެކި ސަރަހައްދުތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ލިޔެފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފުލުހުން މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ، މި މަސައްކަތަކީ ގޭންގު ކްރައިމް އެންފޯސްޓްމަންޓުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ. އަދި، މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން އެ ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވަނީ އެ ސަރަހައްދުތަކަކީ އާއްމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތް ކުރާ ސަރަހައްދުތަކަކަށް ވާތީއާއި ކުޑަކުދިންނާ ނުގުޅޭފަދަ މަންޒަރުތަކާއި ލިޔުންތަކަށްވާތީ އެވެ. މި މަސައްކަތް މާލޭ ސިޓީގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުންޏެވެ.
މާލޭ ސިޓީގައި ކުށްމަދު އަމާން ރަނގަޅު ވެއްޓެއް ގާއިމުކުރުމަށް ފުލުހުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. ގްރެފިޓީތައް ނައްތާލުމަކީވެސް ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.



