އޭޖީ ނުހިމެނޭ ގޮތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލަން ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފެވެ. މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އެބިލުގެ ފުަރަތަމަ ކިޔުން އިއްވާފަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ބަންޑާރައ ނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެން ވަނީ، ހަމަ އެކަނި ގާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި، ނައިބު ރައީސަކާއި، މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުމަށްޓަކައި، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.
މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމްކޮށް ހިންގަނީ އެވަކީލުންގެ ފަރާތުން ހޮވާ މަންދޫބުންކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ބުނެފައި ވެއެވެ.
ބަންޑާރަ ނައިބު އުނިކޮށް އޭގެ ބަދަލުގައި މެންބަރަކު އިތުރު ކުރާ ގޮތަށް ބިލުގައި ބުނެފައިވާއިރު، އޭޖީގެ ބަދަލުގައި އަލަށް ބާ ކައުންސިލަށް އިތުރުވާ މަގާމަށް މެންބަރަަކު އިންތިޚާބު ކުރާނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގައިކަމަށް ބަޔާންކޮށްފައި ވެއެވެ.
ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެތެރޭގައި ރަސްމީ އިދާރާތަކުންނާއި، ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި، އެތަން އަސްލާ އެއްގޮތަށް ތައްގަޑު ޖަހައިދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި، ދިވެހި ރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި، ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަައިދިނުން ހުއްދަ ކުރުން ހިމެނެއެވެ.



