މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުން ވަކި ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމެވީ، ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާގުންނެވެ. އެކޮމިޓީން މިގޮތަށް ފާސްކޮށްފައި މިވަނީ އެކޮމިޓީއަށް ހާޒިރުވުމަށް ދެއްވި ތިން ފުރުސަތުގައި ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ ހާޒިރުވެވަޑައިގެންފައި ނުވާތީ އެވެ.
ގަވަރުނަރު ކޮމިޓީއަށް ހާޒިރު ނުވާކަން މިއަދު އަންގަވާފައިވާއިރު، އިތުރު ސުވާލެއް އޮތްނަމަ ލިޔުމުން ފޮނުއްވުމަށް އޭނާ މިއަދު ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވެއެވެ. މިއަދުގެ ކޮމިޓީގައި މުގައްރިރު ގާސިމް އިބްރާހިމް އެކަމަށް ގޮތެއް ނިންމަން ނެންގެވި ވޯޓްވެސް ފާހެއް ނުވިއެވެ. ކޮމިޓީއަށް އެކަށީގެންވާ އެއްބާރުލުން ދެއްވާފައި ނުވާތީއާއި، ގައުމުގެ އިގުތިސާދީ ނާޒުކު ހާލާތު މިހާރު އޮތް ގޮތުން އެކަން އިތުރަށް ނުދަންމައި، ކޮމިޓީން ނިންމާފައި މިވަނީ ގަވަރުނަރު މަގާމުން ވަކިކުރެއްވުމަށް ރައީސަށް ލަފާ އެރުވުމަށެވެ.
މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކުރެއްވި ނަމަވެސް، މިކަމަށް ގޮތެއް ނިންމާނީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްގެންނެވެ. ގަވަރުނަރު ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ގާނޫނީ ގޮތުން ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަަށެވެ.
ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދިނުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ހާޝިމް މަގާމުން ވަކި ކުރަން ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާކަމަށް ބުނެއެވެ. ގަވަރުނަރު ހާޝިމް ވަނީ މިކަމަށް އިންކާރުކުރައްވާފަ އެވެ.


