ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލަން ހުށަހެޅި އިސްލާހަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ތާއީދު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، ބަންޑާރަނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެން ވަނީ، ހަމަ އެކަނި ގާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި، ނައިބު ރައީސަކާއި، މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުން ހިމަނާފައި ވެއެވެ. އަދި، މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމްކޮށް ހިންގަނީ އެވަކީލުންގެ ފަރާތުން ހޮވާ މަންދޫބުންކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމަށްކަމަށް ބަޔާންކޮށްފައި ވެއެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެގެ ފުަރަތަމަ ކިޔުން މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވާފައިވާއިރު، މި ބިލާއި ގުޅުވައިގެން ބަންޑާރަނައިބު އަހް މަދު އުޝާމް ވިދާޅުވެފައިވަނީ، ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރަންވާނީ ހަމައެކަނި ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ހިމެނޭ ފުރިހަމަ މިނިވަން އެކްސްކޯއަކުން ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އަދި، މަގާމުގެ ހައިސިއްޔަތުން ބަންޑާރަނައިބު ބާ ކައުންސިލްގެ އެކްސްކޯގައި އިނުމަކީ އެންމެ ރަގަޅު ގޮތެއް ނޫންކަމަށްވެސް ވިދާޅުވެފައި ވެއެވެ.




