އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ އެޕް ”އިމިގްރޭޝަން ވޮޗް“ އިފްތިތާހުކޮށްފި އެވެ.
އޮންލައިން މި ޕްލެޓްފޯމް އިފްތިތާހު ކޮށްދެއްވީ މިއަދު އިމިގްރޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދެވެ.
މި ޕްލެޓްފޯމަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެ ޕްލެޓް ފޯމެެކެވެ. އެގޮތުން، މިޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެ އެވެ.
މިޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، ”އެނޮނިމަސް“ ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، މިކަމުގެ ސަބަބަުން އިމިގްރޭޝަނާއި، އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ލިބިގެންދާނެކަމަށް ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
”އަޅުގަނޑުމެންނަށް ބޭނުންވާ އަދި ބައެއް ހާލަތްތަކުގައި ނުލިބި ހުރި ބައެއް މައުލޫމާތުތައް ވެސް ފަސޭހަކަމާއެކު އާންމުންނަށް ހިއްސާކުރެވޭ ފަދަ ޕްލެޓްފޯމެއް މިއީ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އިމިގްރޭޝަން އާ ގުޅުންހުރި ކަންކަން ރިޕޯޓްކުރުމަށް ކޮށްއުޅޭ ބެސްޓް ޕްރެކްޓިސްގައި ހިމެނޭކަމެއް.“ ޝަމްއާން ވިދާޅުވި އެވެ.
”އިމިގްރޭޝަން ވޮޗް“ ގެ އެހީގައި އާންމުންނަށް 24 ގަޑީއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެއެވެ. އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.



