އައިޖީއެމްއެޗްގައި މިހާރު ފަރުވާ ހޯދަމުން އަންނަ ކ. މާލެ، މ. ދޯޅަނބުގެ، މުހައްމަދު އަޒްމީލް ޖަލީލް(38އ) އަށް އަނިޔާވެފައިވަނީ އޭނާ ހައްޔަރުކުރަން އޭނާ ދިރިއުޅޭ ގެއަށް ދިޔަ ފުުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ، ބަންދުގައި ބަހައްޓައިގެން ޖުލައި 16 ވަނަ ދުވަހުގެ 01:00 އަށް ޑްރަގް ކޯޓަށް އޭނާ ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން އޭނާ ހައްޔަރުކުރަން ފުލުހުން ދިއުމުން ފިލަން އުޅުމުގެ ތެރޭގައި އޭނާޔަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަކަމަށެވެ.
އޭނާއަށް އަނިޔާވެފައިވަނީ 15 ޖުލައިގައި 14:15 އެހާކަށްހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިއުމުން، ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށް ފަހު، އެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަ ދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުމުންކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ވެފައިވާއިރު، މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އިންޓެންސިވް ކެއަރ ޔުނިޓްގެ ވެންޓިލޭޓަރުގައިކަމަށް ފުލުހުން ބުނެފައި ވެއެވެ.
”އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ޚިދުމަތުގެ މާލޭ ކަސްޓޯޑިއަލް އަށް ގެންގޮސް، ކަސްޓޯޑިއަލް މެޑިކަލް އޮފިސަރު ބެލުމަށް ފަހު، 15 ޖުލައި 15:05 ހާއިރު“ ފުލުހުން ބުނެފައި ވެއެވެ.
އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާގޮތާމެދު އާއިލާގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، ހައްޔރުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް، ފުލުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، އަދި ހިއުމަންރައިޓްސް ކޮމިޝަން ގައި އެދިފައިވާނެކަށް ފުލުހުން ބުނެފައި ވެއެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އަޒްމީލް ހައްޔަރުކުުރުމުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވާކަމަށާއި، އެ ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް ފުލުހުން ލަސް ކުރުމުގެ ސަބަބުން އޭނާގެ ފުރާނަޔަށް ނުރައްކާވެފައިވާކަމަށްބުނެ، އާއިލާ ދަނީ ކަންބޮޑުވާކަން ފާޅުކޮށްފަ އެވެ. އަދި، އެ މައްސަލަ ކަމާއި ބެހޭ އިދާރާތަަކަށްވެސް ވަނީ ހުށަހަޅާފަ އެވެ. މިމައްސަލައިގައި އާންމުންވެސް ދަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ކަންބޮޑުވުން ފާޅުކޮށް ފުލުހުންގެ ޚިދުމަތަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެެވެ.



