ފާއިތުވެދިޔަ 8 މަސްތެރޭގައި، އޮޅުވާލައިގެން ނުވަތަ ސައްހަ ނޫން ކިޔެކިޔުންތައް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 1664 ބިދޭސީން ހިފަހައްޓައި، އަނބުރާ ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަނުން ކުރެވުނު މަސައްކަތްތައް މިޑިއާއާ ހަމަކުރައްވަމުން، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، 17 ނޮވެމްބަރު 2023 އިން 15 ޖުލައި 2024 ގެ ނިޔަލަށް އޮޅުވާލައިގެން ނުވަތަ ސައްހަ ނޫން ކިޔެކިޔުން ތައް ބޭނުންކޮށްގެން 1664 ބިދޭސީން ރާއްޖެ އެތެރެވާން މަސައްކަތްކުރިކަމަށާއި އިމިގްރޭޝަނުން އެމީހުން ހުއްޓުވައި ފުރުވާލާފައިވާކަމަށެވެ. މީގެތެރޭގައި ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވާން އުޅުނު 85 ގައުމެއްގެ 1289 މީހުންނާއި، ސައްހަ ނޫން ވޯކް ޕާމިޓް ނުވަތަ ވޯކް ވިސާގައި އެތެރެވާން އުޅުނު 22 ގައުމެއްގެ 341 މީހުންނާއި، ނަކަލުކޮށްފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 33 މީހުންނާއި، ޝަޚްސު އޮޅުވާލައިގެން އެތެރެވާން އުޅުނު އެކަކު ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.
1664 މީހުންގެ ތެެރެއިން، 1289 މީހުން ޓޫރިސްޓް ވިސާގައި ރާއްޖެ ވަންނަން އުޅެނިކޮށް ހައްޔަރުކޮށްފައިވާއިރުމ މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝް 356 މީހުން، ސްރީލަންކާ 195 މީހުން، އިންޑިއާ 162 މީހުން، ނައިޖީރިއާގެ 42 މީހުން، ވިއެޓްނާމްގެ 35 މީހުން، އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 499 މީހުން ހިމެނޭކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ، ރާއްޖެ އެތެރެވާ ކޮންމެ މީހަކަށް ޓޫރިސްޓް ވިސާ ދޫކުރާގޮތަށް އޮންނާތީ، ރާއްޖޭގެ ބޯޑަރަށް އަމާޒުކޮށްގެން މީހުން އަންނަކަމަށެވެ.
”މިހެން އޮންނާތީ ބަލާ ޓޫރިސްޓް ވިސާގައި ރާއްޖެ ވަދެ މައްސައްކަތް ކުރެވޭތޯ. އަޅުގަޑުމެން ބޯޑަރގައި ކުރެވޭ މަސައްކަތުން ހުއްޓުވުފައިވާ ފަރާތްތަކައް މިއީ.“ ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ޓޫރިސްޓް ވިސާގެ އިތުރުން، ވޯކް ޕާމިޓް އަދި ވޯކް ވިސާ ފޯޖްކޮށްގެން ރާއްޖެ އެތެރެވާން ބިދޭސީން މަސައްކަތްކޮށްފައިވެސް އެބަހުރިކަމަށެވެ. އެގޮތުން މިދިޔަ 8 މަސްތެރޭ އިމިގްރޭޝަނުން ކުރި މަސައްކަތުން 22 ގައުމަކަށް ނިސްބަތްވާ 341 ފަރާތެއް ހުއްޓިފައިވާކަން ފާހަނގަކުރެއްވި އެވެ. އޭގެތެރޭގައި، ބަންގްލަދޭޝް 205 މީހުން، ސްރީލަންކާ 31 މީހުން، އިންޑިއާ 38 މީހުން، އިންޑޮނޭޝިޔާގެ 8 މީހުން، ނައިޖީރިއާގެ 6 މީހުން، އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 54 މީހުން ހިިމެނޭ ކަމަށް ޝިފާން ވިދާޅުވި އެވެ.



