އައްޑޫ ޕޮލިސް ކޮލެޖްގެ ދަރިވަރުންތަކެއް ކާނާ ވިހަވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގަން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ޕޮލިސް ކޮލެޖްގެ 32 ދަރިވަރަކު ކާނާ ވިހަވެ އެޑްމިޓްކުރި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނެވެ. އޭގެތެރެއިން އައިސީޔޫގައި ފަރުވާދެމުން އަންނަ 2 ދަރިވަރަކު ފިޔަވައި އެންމެން މިހާރުވަނީ ފަރުވާއަށްފަހު ދޫކޮށްލާފަ އެވެ.
މި މައްސަލައާއި ގުޅިގެން ކަންބޮޑުވާކަން ފާޅުކުރައްވައި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މިހާދިސާގެ މިނިވަން ތަހުގީގެއް ހެދުމަށް ގޮވާލައްވާފަ އެވެ. އަދި އެދަރިވަރުންނަށް އަވަސް ޝިފާއަކަށް ޝާހިދު އެދިވަޑައިގެންފައި ވެއެވެ.
ކާނާ ވިހަވެގެން ރޭ އޭއީސީއަށް ގެންދިޔަ ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.
ކާނާވިހަވާން ދިމާވީ ސަބަބު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ނުވަތަ އައްޑޫ ޕޮލިސް ކޮލެޖް 100އަށްވުރެ ދަރިވަރުން ތަމްރީން ލިބިގަންނަމުން ދެއެވެ. އައްޑޫ ޕޮލިސް ކޮލެޖް ހުޅުވީ މާޗް 27، 2022 ގަ އެވެ.



