އައްޑޫ ސިޓީ، ހިތަދޫ މަގެއްގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯވެ، އެ ކާރު ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނީ، ރޭ ދަންވަރު އަލިފާން ރޯވެފައިވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ކައިރީ މަގުމަތީ ޕާކުކޮށްފައި އޮތް ކާރެއްގައިި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ ރޭ ދަންވަރު 02:38 ހާއިރު އެވެ. އެ ރިޕޯޓް ލިބުމާއެކު، ހިތަދޫ ފަޔަރ ސްޓޭޝަންގެ އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ކާރުގައި ރޯވި އަލިފާން ނިއްވާލެވުނީ ދަންވަރު 03:16 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
އެމްއެންޑިއެފް އިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް ރޯވި ކާރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ކާރުގައި އަލިފާން ރޯވީ ކޮން ސަބަބަކާހުރެ ކަމެއް އެމްއެންޑީއެފްއިން ބުނެފައެއް ނުވެއެވެ.



