މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް، އެތަންތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ(އެމްޑަބްލިޔުއެސްސީ) އިން ފަށައިފި އެވެ.
މި މަސައްކަތުގެ ދަށުން ފުރަތަމަ ގާއިމުކުރި ނިޒާމު އޮަޕަރޭޓްކުރަން މިއަދު ވަނީ ފަށާފަ އެވެ. އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ 4 ނަމްބަރ ޕަމްޕް ސްޓޭޝަންގައެވެ. އެ އޮޕަރޭޓްކުރަން ފަށްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު އެވެ.

މި ސިސްޓަމް އަލަށް ގާއިމުކުރެވުނު ސަރަހައްދުގައި މީޑިއާތަކާ ބައްދަލުކުރައްވައި މަތީން ވިދާޅުވީ، މި ޒަމާނީ އައު ނިޒާމަކީ ޕަމްޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ޙައްލެއް ފޯރުކޮށްދިނުމުގެގޮތުން، އެ ކުންފުނިން ކުރި ދިރާސާތަކުގެ އަލީގައި ބެހެއްޓިގެން ދިޔަ ނިޒާމުތަކެއް ކަމަށެވެ. އަދި. މިއީ ކުންފުނި ޒަމާނީކޮށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި މަތީން ސިފަކުރެއްވި އެވެ.
”މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، އެމްޑަބްލިޔުއެސްސީ އިން އިސްކަންދީގެން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތެއް.“ މަތީން ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ނަރުދަމާ ނިޒާމުގެ ޕަމްޕްސްޓޭޝަންގެ ވެންޓިލޭޝަނަށް މިގެނައި ބަދަލުގެ ތެރެއިން ޕަމްޕު ސްޓޭޝަންތަކުގައ މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އައު ނިޒާމެއް ޕަމްޕު ސްޓޭޝަންތަކުގައި ބަހައްޓާނެކަމަށެވެ. އަދި، ވައިސާފުކުރާ މި ނިޒާމުގެ ސަބަބުން ޕަމްޕްސްޓޭޝަންއިން ޖައްވުތެރެއަށްދާ ވައިގާ ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 %އިން ސައްތައަށް ދަށް ކުރެވޭނެ ކަމަށް ބެލެވޭކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ވައިސާފުކުރާ މި ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކުރިޔަށްގެންދަން އެކުންފުނިން ރާވާފައިވަނީ އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ދެން މި ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރާނީ މާލޭގެ ޕަމްޕު ސްޓޭޝަން 2 ގައެވެ. އެއަށްފަހު މާލޭގައި ގާއިމްކޮށްފައިވާ 9 ޕަމްޕު ސްޓޭޝަންގައި މި ވަސީލަތްތައް ގާއިމުކުރުމަށް ނިންމާފައިވާއިރު، ބައެއް ސްޓޭޝަންތަކުގައި ޖާގަލިބޭ މިންވަރަކުން، މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާޕެނަލް ހަރުކޮށް ޕަމްޕްސްޓޭޝަން ތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލު ކުރާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.
އެމްޑަބްލިޔުއެސްސީން ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުގައި ވައި ސާފުކުރާ ޒަމާނީ ވަސީލްތަތްތައް ގާއިމުކުރަނީ، އެ ސްޓޭޝަން ގާއިމްކުރެވިފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން އާއްމު ރައްޔިތުންނަށް އުނދަގޫވަމުންދާތީ، އެކަން ނިމުމަކަށް ގެނައުމުގެ ބޭނުމުގައެވެ.



