ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 1 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 16 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި ތަންތަނާއި އެއްގަމު އުޅަނދުތައް ފާސްކޮށް އެއްކިލޯއަށް ވުރެގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
”މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަައެއްގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވޭ. އެ ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1085.71 ގްރާމް.“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުުމުން ހަތް މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



